ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އީސަ މަގާމުން ވަކި ކުރުމަށް ވޯޓަށް އެހި ވަގުތު ކޮމިޓީގެ ކޯރަމް ހަމަނުވެ އެތައް އިރެއް ވުމަށް ފަހު، އެ ކަމަށް ވޯޓަށް ނޭހި ކޮމިޓީގެ ބައްދަލުވުން ނިންމާލައިފިއެވެ.

އިޖްތިމާއީ ކޮމިޓީއަށް އީސަގެ އިތުބާރު ނެތް ކަމަށް ހުށަހެޅުއްވީ، ކޮމިޓީގެ ނައިބު މުގައްރިރު އަދި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާންއާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދާއި، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީގެ ސޮޔާއެކުގައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ރިޔާސަތުގައި އިންނެވި ނައިބު މުގައްރިރު ފިރުޝާނާއެކު ތިއްބެވީ ފަސް މެންބަރުންނެވެ. އެއީ ފިރުޝާނާއި ޖީހާނާއި ރާއީގެ އިތުރުން މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އެވެ.

"ކޮމިޓީގައި ދެން ތިއްބަވާ ތިން މެންބަރުންނަށް ވެސް ގުޅުއްވައިގެން ގެނައުމަށް މަސައްކަތްތަކެއް ކުރެވުނު، އެކަމަކު އެ ކަން ވާ ގޮތެއް ނުވި، އެހެންވެ އަޅުގަނޑު މިހާރު މި ގަސްތު ކުރަނީ ކޮމިޓީ މިއަދަށް ނިންމާލަން، އެހެން ދުވަހެއްގައި އެޖެންޑާގައިވާ މި މައްސަލަ ކުރިއަށް ގެންދަން،" ފިރުޝާން ވިދާޅުވިއެވެ.

ކޮމިޓީއަށް ވަޑައިނުގަންނަވާ ތިން މެންބަރުންނަކީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު (އިއްސެ) އާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއާއި، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

މީގެ ތެރެއިން އިއްސެ ވަނީ ކޮމިޓީ ކުރިއަށް ދަނިކޮށް ޓްވީޓެއް ވެސް ކުރައްވައިފައެވެ. ކޮމިޓީގައި ބައިވެރިވެވަޑައިނުގެން އިއްސެ ކުރެއްވި އެ ޓްވީޓްގައި ލިޔުއްވާފައިވަނީ، ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވަން އީސަ އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އީސަ ވަކިކުރުމުގެ މައްސަލައެއް ހުށަހަޅާފައި މިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި މައްސަލައެއް ފުލުހަށް ހުށަހަޅައިގެން އެ މައްސަލަ ބަލަމުން ދަނިކޮށެވެ. އީސައާ ދެކޮޅަށް އަސްރާ ވަނީ ބަޔާން ވެސް ދެއްވައިފައެވެ.

އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅެވެ.

އީސަގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން އޭނާ ހައްޔަރު ކޮށްދިނުމުގެ އަމުރަކަށް އެދެން ފުލުހުން ހުށަހެޅުމުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ވަނީ އެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މައިދަންޑާ

    އީސަ ތަޅާނީ ކޮންމެވެސް ކަމެއްވީމަ އަޅުގަނޑުވެސް އީސަ ދަންނަން އޭނަޔަކީ އަހުލާގު ރަނގަޅު މަޑުމައިތިރި މީހެއް ކޮންމެވެސް ކަމެއްވީމަދޯ ފައިޓަކައްދާނީ ފެރިހެނުންގެ ހައްގެއް ނޯވޭތޯ އަޅުގަނޑު ތި މަންޖެގެ ދަންނަން