ރައްޔިތުންގެ މަޖިލީހުގެ ނ. ކެނދިކުޅުޅުދޫ ދާއިރާ މެންބަރު އަހުމަދު އީސާއަށް ތުހުމަތު ކުރެވިފައިވާ ގެވެށި އަނިޔާގެ ތުހުމަތުތާއެކު އޭނާ މުގައްރިރު ކަން ކުރައްވާ އިޖްތިމާއީ ކޮމިޓީއިން އިސްތިއުފާ ދެއްވަން އެއްބަސްވެފައިވާ ކަމަށް އެކޮމިޓީގައި އިންނަވާ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު (އިއްސެ) ވިދާޅުވެެއްޖެއެވެ.

އީސަ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާދޭން އެއްބަސްވެފައިވާ ކަން ހާމަކޮށްފައި ވަނީ އިއްސެ ދެންމެ ކުރި ޓްވީޓަކުންނެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައަށް ކުރެވުނު ގެވެށި އަނިޔާގެ ތުހުމަތާއިއެކު ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާދޭން އެއްބަސްވެއްޖެ،" އިއްސެ ކުރެއްވި ޓްވީޓްގައިވެއެވެ.

އިއްސެ މިހެން ވިދާޅުވެފައި މިވަނީ، މުގައްރިރުގެ މަގާމުން އީސަ ވަކިކުރަން ކޮމިޓީއަށް ތިން މެންބަރެއްގެ ސޮޔާއެކު ހުށަހަޅުއްވާފައިވަނިކޮށެވެ. އެ މައްސަަލައިގެ ގަރާރުގައި ސޮއި ކުރެއްވީ ކޮމިޓީގެ ނައިބު މުގައްރިރު އަދި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނާއި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދާއި، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއެވެ.

މި މައްސަލަ އެޖެންޑާކޮށް މިއަދު މެންދުރުފަހު 1:30 ހާއިރު ކޮމިޓީގެ ބައްދަލުވުމެއް ވެސް ފެށިއެވެ. އެކަމަކު މައްސަލަ ފާސްކުރަން ބޭނުންވާ ވަރަށް ކޮމިޓީގެ ކޯރަމް ހަމަނުވެގެން އޭގެ ގަޑިއިރެއް ފަހުން އެ މައްސަލައަށް ވޯޓަށް ނޭހި ކޮމިޓީ ބައްދަލުވުން ނިންމާލަން ޖެހުނެވެ.

އީސަގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) އަށް އަނިޔާ ކުރި މައްސަލައެވެ. އެނގިފައިވާ ގޮތުގައި މި މައްސަލަ ހުށަހެޅީ އެ މީހުންގެ އަވަށްޓެރިއެކެވެ. އިއްޔެގެ ވަގުތެއްގައި އަސްރާ ވަނީ އީސައާ ދެކޮޅަށް ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެވެ.

އީސަ ދިރިއުޅުއްވާ އިމާރާތުގައި އުޅޭ މީހަކު ބުނީ، އަންގާރަ ދުވަހުގެރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު އީސަ ދިރިއުޅުއްވާ އެޕާޓްމެންޓުން ހަޅޭކުގެ އަޑު އިވިގެން ބަޔަކު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. ފުލުހުންގެ އެހީގައި އަސްރާ ޑޮކްޓަރަށް ވަޑައިގެންނެވި ކަމަށް ވެސް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ. އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް އަސްރާ އަށް ލިބިވަޑައިގެންފައިވާކަން ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ވަނީ އެނގިފައެވެ.

ފުލުހުން ވަނީ އީސަ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ރޭގެ ވަގުތެއްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިފައެވެ.