ރައްޔިތުންގެ މަޖިލީހުގެ ނ. ކެނދިކުޅުޅުދޫ ދާއިރާ މެންބަރު އަދި އިިޖްތިމާއީ ކޮމެޓީގެ މުގައްރިރު އަހުމަދު އީސާގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރާ "ޗައިލްޑް އެބިއުސިންގ ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)" އިން ގޮވާލައިފިއެވެ.

އީސަގެ މައްޗަށް ތުހުމަތު ކުުރެވެނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) އަށް އަނިޔާ ކުރި މައްސަލައެވެ.

މިކަމާއި ގުޅިގެެން އެ ޖަމިއްޔާ އިން ނެެރުނު ނޫސް ބަޔާނެއްްގައި ވަނީ، އީސާ ގެ މައްޗަށް ގެވެށި އަނިޔާގެ މައްސަލައަކާއި ކުޑަކުއްޖަކަށް ނަފްސާނީ އަނިޔާ ދިން މައްސަލަ އެ ޖަމިއްޔާއިން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެެވެެ. އަދި މިއަމަލަކީ ވަރަށް ފިނޑި އެހާމެ ރަހުމް ކުޑަ އަމަލެއް ކަމުގައި ދެކޭ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އަންހެނުންނާއި ކުޑަކުދިންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ވަރަށް އޯޤާތެރިކަމާއެކު ބަލަހައްޓަންޖެހޭ ބައެއްކަމުގައި ވާއިރު ގާނޫނު ހަދާ މަޖްލީހުގައި އިންނަވާ ބޭފުޅަކު މިފަދަ ނާތަހުޒީބީ އަމަލެއް ކުރެއްވުމަކީ މުޖްތަމައުން އެކަން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ހާއްސަކޮށް ކުޑަކުދިންނަށް އަނިޔާކުރާ މީހުންނާއި މެދު އަމަލުކުރާނެ ގާނޫން ކަނޑައަޅާ މަޖިލީހުގައި އިންނަ ފަރާތެއް އެގާނޫނު މުގުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

"ކުޑަކުދިންނާއި އަންހެނުންނަށް ރައްކާތެރިކަން ދޭން ގާނޫނު ތައް ހައްދަވާ އެގާނޫނު ތައް މުގުރާ ފުރާތެއް ގާނޫނު ހަދާ މަޖްލީހުގައި އިނުމަކީ މަޖިލީހުގެ ކަރާމާތް ގެއްލިގެންދާނެ ކަމެއް ކަމުގައި މިޖަމިއްޔާއިން ދެކެމެވެ. އަދި ހަމަ އެހެންމެ އެމައްސަލަ ވަގުތުން ފެށިގެން އެމެމްބަރު ހުންނަން ޖެހޭނީ އަމިއްލަ ފުޅަށްވެސް އިސްތިއުފާ ދީފައެވެ." ޗައިލްޑް އެބިއުސްް ޕްރިވެންޝަން ސޮސައިޓީގެ ބަޔާނުގައި ވެއެވެ.

މިކަމުގެ ތުހުމަތު ކުރެވޭ ހިސާބުން އީސާ އަމިއްލައަށް މަގާމުން އިސްތިއުފާ ދޭން ޖެހޭކަން ފާހަގަކުރައްވާ އެ ބަޔާނުގައި ބުނެފައިވަނީ ތަހުޒީބު މުޖްތަމައުގައި ވެސް އެކަންހިނގާ ގޮތަކީ އެއީ ކަމަށެވެ. މިމައްސަލަ ހިނގާ މިހާހިސާބަށް އައިއިރުވެސް އަހުމަދު އީސާ ހައްޔަރު ކޮށްފައިނުވާތީ އެކަން ކުއްވެެރިކުރާކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ވަނީ އަދި އީސާ ހައްޔަރު ކުރުމަށް ޕީޖީގެ ލަފައަކަށް އެދުން އެއީ ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި ކުށެއް ކޮށްފިނަމަ ގާނޫނުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމަ ވާންޖެހޭނެ ކަމަށް ދެކޭޭ ކަމަށެވެ. އެއީ ކޮންމެ މަގާމެއްގައި ހުރި މީހެއްކަމުގައި ވީނަމަވެސް އެމީހަކާއި މެދު ގާނޫނުގައި ކަނޑައެޅިފައިވާ ހައްގު އަދަބު ލިބިދިނުމުގައި ސްޕީޑް އަވަސް ވާންޖެހޭ ކަމަށް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

"އެހެންކަމުން މިހާރުން މިހާރަށް އަހުމަދު އީސާ ހައްޔަރުކޮށް އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ތަހުގީގު ހިންގާދިނުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ގޮވާލަމެވެ. އަދި ރައްޔިތުންގެ މަޖްލީހުގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ޖަލްސާއެއް ބާއްވައި މިކަމާއި ގުޅޭ ގޮތުން އެކޮމިޓީއިން ދެކޭ ގޮތް ހާމަކުރުމަށް އެކޮމިޓީއަށް ވެސް ގޮވާލަމެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވިދާޅުވެފައިވާ ޒީރޯ ޓޮލަރެނޭސްގެ ދަށުން ވީއެންމެ އަވަހަކަށް މިމައްސަލަ ޓްރާންސްޕޭރެންޓް ކޮށް ކުރިއަށް ގެންދެވުން އެދޭ ވަހަކަ ދަންނަވަމެވެ." އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެެ.

މީގެ އިތުރުން އަނިޔާ ލިބުން އަހްމަދު އީސަގެ އަނބިކަނބަލުންނާއި ދަރިފުޅަށް ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދެއްވުމަށް ޖެންޑަރ މިނިސްޓްރީއަށް ވެސް ގޮވާލާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ކެޕްސް ޖަމްޢިއްޔާ ހިންގަނީ ތަސައްރަފު ނުފުރޭ ކުޑަކުދިންތަކެއް ކަމަށް ބެލެވޭ. ގައުމުގެ ކަންކަން ޒިންމާދާރު ކުރުވަން އަމިއްލަެަށް ޖަމްޢިއްޔާހަދައިގެން ތަންތަނުން ފައިސާ ހޯދައިގެން ނިދަންތިބެފައި ބަޔާން ނެރުނަސް ކަމަކު ނުދާނެ. ޤާނޫނާއި ގަވާއިދު ވެސް އެނގެން ޖެހޭ. ރައްޔިތުންގެ މަޖިލިސްގެ މެެންބަރުން އަމިއްލައަށް ހަދާފައިވާ އެމީހުންގެ އިމްތިޔާޒުގެ ގާނޫނުގެ 13 ވަނަ މާއްދާ ކިޔާލާ. އޭރުން ޢީސަ ހައްޔަރު ނުކުރެވޭ ސަބަބު ސާފު ވާނެ.

  2. ޢުމަރު

    މީހަކުއެއްޗެއްބުނަައިރައްއިތިއުފާދޭކައްނުޖެހޭ މައްސަލަ ބަލާފަ ކުއްވެރިވާނަމަ ޖެހޭނީ މަގާމުނވެސްދުރުވާން އެހެން ނޫންނަމަދެ ން ހުރިހާއަންހެނުންވެސް ތިގޮތައްހަދާނީ

  3. ހާލުގެ ދުލުން

    ޗައިލްޑް އެބިއުސިންގ ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)، ހައްޤު ފާޅުކޮށްދީފި

  4. ބަދަލަކަށް

    ގާނޫނުގެ ކުރިމަތީގައި އެންމެންވެސް ހަމަހަމަ ވާންޖެހޭނެ ކަމަށް ދެކެން، ކޮންމެ މަގާމެއްގައި ހުރި މީހެއްކަމުގައި ވީނަމަވެސް. މިހާރުން މިހާރަށް އެމާއްދާ އިސްލާޙްކުރަން ގޮވާލަން