މިމަހުގެެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސްް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ޒުވާނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މާލެ، ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައިގެން ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ލ. ގަން ދުންފިނިއުފާ، އަހުމަދު އާތިފް 23، ގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފާތިހު ހައްޔަރުކޮށްފައި ވަނީ ރޭ ބ. ދަރަވަންދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފާތިހު އެއަތޮޅު އޭދަފުއްޓަށް ގެންގޮސް ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ފަހު މާލެ ގެނެސްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަން އެނގިފައިވެއެވެ.

ފާތިހު އަކީ ކުރިން މޯލްޑިވިއަންގެ ކެބިންކްރޫއަކަށް އުޅުނު މީހެކެވެ. ނަމަވެސް މިހާރު ވަޒީފާ ދޫކޮށްލިތާ ދުވަސްތަކެއް ވެއްޖެއެވެ.

ފާތިހު ދަރަވަންދުއަށް ދިޔައީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރި އިރުވެސް ހުރީ ކަރަންޓީންގައެވެ. އޭނާ ދަރަވަންދުއަށް ދިޔައީ ކައިވެނި ކުރަން ކަމަށް ބައެއް މީހުން ގާތުގައި އޭނާ ބުނެފައި ވެއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާ ގުޅިގެން ފާތިހުގެ އިތުރުން އިތުރު ތިން މީހަކު ވެސް ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އެއީ އެއީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.

ނަޝީދަށް ހަމަލާ ދީފައި ވަނީ ވޭވް ސައިކަލެއްގައި އައިޑީއެއް ހަރުކޮށްގެންނެވެ. މި ހަމަލާގައި ރައީސްް ނަޝީދަށާއި، އެމަނިކުފާނުގެ ބޮޑީގާޑަށް އަދި ސަރަހައްދުގައި ހަމަލާ ދިން ވަގުތު ތިބި ބައެއް މީހުންނަށްްވެސް ވަނީ އަނިޔާ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ތުނބުޅިގަޑު ބާލައިން ދޯ އަދި މިއޮށްހާ ދުވަހު ބިރުން މިއުޅެނީ. ބޮން ގޮއްވާފަ ބިރުން އަންހެން ހެދިގެން އުޅެންޔާ ނުގޮއްވަން ފެންނަނީ