ފުވައްމުލަށް ސިޓީން އިތުރު 71 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފުވައްމުލަށް ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ހޮސްޕިޓަލް މެނޭޖަރ އަހުމަދު ސައީދު ވިދާޅުވީ، މިއަދު ފައްސިވެފައިވާ 71 މީހުންނަކީ އިއްޔެގެ 18:00 އިން ފެށިގެން މިއަދުގެ މީހަތަނަށް ލިބިފައިވާ ނަތީޖާތަކުން ފައްސިވެފައިވާ މީހުން ކަމަށެވެ.

އަހުމަދު ސައީދު ވިދާޅުވީ، މިއަދުގެ އަދަދުތައް 71 ގައި އުޅޭއިރު، އޭގެ ކުރީ ދުވަހު އެރަށުން ފައްސިވި މީހުންގެ އަދަދު 40 އަށް އަރާފައިވާ ކަމަށެވެ.

ފުވައްމުލަކުން އިތުރު 71 މީހަކު ފައްސިވެ ޖުމްލަ އެރަށުން ފައްސިވި މީހުންގެ އަދަދު ވަނީ 221 އަށް އަރާފައެވެ.

އަހުމަދު ސައީދުގެ ވާހަކާގައި ރަށުން ފައްސިވާ މީހުންގެ ތެރޭގައި ހޮސްޕިޓަލުގެ ޑޮކްޓަރުން ފައްސިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން ރަށުގެ ހާލަތު ގޯސްވެއްޖެނަމަ، ފަރުވާ ނުދެވިދާނެ ކަމުގެ ބިރު ފުވައްމުލަކުގައި ވަނީ އުފެދިފައެވެ.

ފުވައްމުލަކުގައި ބަލީގެ ވޭދަނަތައް އިތުރުވަމުން އަންނަ މިދަނޑިވަޅުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށުގައި ހަވީރު 16:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގަން އަންގާފައެވެ. އަދި މީގެ އިތުރުން އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުމާއި އެއްގެއިން އަނެއް ގެއަށް ދިއުން ހުއްޓާލައި ޒަރޫރީ ބޭނުމަށް ނޫނީ ބޭރަށް ނުދިއުމަށް ވަނީ އަންގާފައެވެ.