މިއުޒިކް ޝޯވގައި ބޭނުންކުރުމަށް މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެމްއައިޓީޑީސީ)ން ކުއްލިގޮތަކަށް ކޯލްޑް ސްޕާކްސް މެޝިނެއް ގަނެފައިވާކަމަށް ބުނާ މައްސަލައިގައި އެ ކުންފުނީގައި މަސައްކަތް ކުރަމުންދިޔަ ތިން ވެރިއެއްގެ މައްޗަށް ދައުވާކުރުމަށްޓަކައިޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، އެ ކުންފުނީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޝަކީބާ ޙުސައިންގެ މައްޗަށެވެ.

އެ މައްސަލާގައި އޭސީސީން ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، 2017ގައި އާ އަހަރު ފާހަގަ ކުރުމަށް މާލޭ ކާނިވާ ސަރަޙައްދުގައި ބޭއްވި މިއުޒިކް ޝޯވގައި ބޭނުންކުރުމަށް ލިންކްސް-އައި އިންކޯޕަރޭޓަޑް އާ ހަވާލުކޮށްގެން 7,234.00 އެމެރިކާ ޑޮލަރ (111,548.28ރ) ހަރަދުކޮށް ކޯލްޑް ސްޕާކްސް މެޝިންތަކެއް (ކޯލްޑް ފަޔަރ އިކުއިޕްމަންޓް) ގަނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް މެޝިންތަކާއި، މެޝިންތައް އޮޕަރޭޓްކުރަން ބޭނުންވާ ޕައުޑަރ، އައު އަހަރުގެ މިއުޒިކް ޝޯ ބާއްވަންވާއިރަށް ވެސް ލިބިފައި ނުވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ފާހަގަކޮށްފައި ވެއެވެ.

މީގެއިތުރުން، އެ މެޝިންތައް ގެނައީ ކޮން ފަރާތަކުން އެދިގެން، ކޮން ފަރާތަކުން ނިންމައިގެންކަން އަދި އިވެންޓް އޮތް ދުވަހަށް މެޝިންތައް ލިބުނުކަން ލިޔެކިޔުމުން އެނގެންނެތް ކަމަށާއި، އަދި އޭރު މެޝިންތައް ގެނެސް އެ ކުންފުންޏާއި ހަވާލުކޮށްފައި ނުވާކަން ތަހުގީގަށް އެނގޭ ކަމަށް އެ އޭސީސީން ފާހަގަކޮށްފައި ވެއެވެ.

ހައަދި އެ އެމްއައިޓީޑީސީފެ މެނޭޖްމަންޓް ބަދަލުވެ 2019 ގައި އެމްއައިޓީޑީސީއިން އެންގުމުން ލިންކްސް-އައި އިންކޯޕަރޭޓަޑްއިން އެ މެޝިންތައް އެ ކުންފުންޏާއި ހަވާލުކޮށްފައިވާކަމާއި، އޭގެ ކުރިން އެއްވެސް އިރެއްގައި އެ މެޝިންތައް ހޯދުމަށް ނުވަތަ މެޝިންތަކަށް ޚަރަދުކުރި ފައިސާ އަނބުރާ ހޯދުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައި ނެތް ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި ލިންކްސް-އައި އިންކޯޕަރޭޓަޑްއިން ވެސް އެ މެޝިންތައް ހަވާލުކުރުމަށް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތްކަން ތަހްގީގަށް ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން މިއަދު ނެރުނު މައްސަލައާ ގުޅުން ހުރި ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އެއް އަހަރާއި ފަސް މަސްވަންދެން އެ މެޝިންތައް ހުރީ ލިންކްސް-އައި އިންކޯޕަރޭޓަޑްގެ ބެލުމުގެ ދަށުގައިކަން ތަހްގީގުން އެނގޭ ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

އަދި އެ މެޝިންތަކަށް ފައިސާ ދައްކާފައިވަނީ ފައިސާ ހަރަދުކުރުމުގައި ހުންނަންޖެހޭނެކަމަށް އެމްއައިޓީޑީސީ ޕްރޮކިއުމަންޓް ޕޮލިސީ (29 ސެޕްޓެންބަރު 2016) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުން ފުރިހަމަ ނުކޮށްކަން ތަހްގީގަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށްވެސް އޭސީސީން ބުނެފައި ވެއެވެ.

އެގޮތުން، މެނޭޖްމަންޓްގެ ނިންމުމެއް، ޕަރޗޭސް ރިކުއެސްޓެއް، ކޯޓޭޝަނެއް، ޕަރޗޭސް އޯޑަރެއް، އިންވޮއިސްއެއް ނެތީސް މެޝިންތައް ގެންނަންވެގެން އެޑްވާންސްކޮށް ފުލް ޕޭމަންޓް ހަދާފައިވާކަން އެނގެން އެބަ އޮތް ކަމަށާއި، އެ ފައިސާ ޚަރަދުކުރުމަށް ހުއްދަދީފައިވަނީ އެމް.އައި.ޓީ.ޑީ.ސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝާހިދު އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝަކީބާ ޙުސައިން ކަން ތަހުގީގަށް ހޯދާފައިވާ ލިޔެކިޔުންތަކުންނާއި ތަހުގީގަށް ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ

އޭސީސީން ބުނީީ، ޝާހިދާއި ޝަކީބާ އަމަލުކޮށްފައިވަނީ އެފަރާތްތަކުގެ މަގާމުގެ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ލިންކްސް-އައި އިންކޯޕަރޭޓަޑް ޕވޓ. ލޓޑ. އަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ،މަގްސަދުގައިކަން ތަހުގީގަށް ލިބިފައިވާ ހެކިތަކުން އެނގޭ ކަމަށެވެ.

އެހެންކަމުން އެ މީހުންގެ މައްޗަށް ޙައިސިއްޔަތުން އެފަރާތްތަކުގެ ވާޖިބު އަދާކުރުމުގައި، އެފަރާތްތަކަށް ލިބިފައިވާ ރަސްމީ ޙައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް އެދި ޕީޖީއަށް ހުށަހަޅާފައިވާ ކަމަށް އޭސީސީން ބުނެފައި ވެއެވެ.