ރައްޔިތުންގެ މަޖިލިހުގެ ނ. ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަގެ ފަރާތުން އަންހެނަކަށް ގެވެށި އަނިޔާ ލިބޭނެ ކަމަށް ހީވެސް ނުކުރާ ކަމަށާއި އީސައާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އީސަގެ ކުރީގެ އަނބިކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ނަސީމް (އަސޫ) އަށް ގެވެށި އަނިޔާ ކުރި މައްސަލައެއްގައި އަސްރާ ވަނީ އީސައާ ދެކޮޅަށް ފުލުހުންނަށް ބަޔާން ދީފައެވެ. އެ މައްސަލައިގައި އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އިން ކްރިމިނަލް ކޯޓުގައި އެދުނު ނަމަވެސް އެ އަމުރު ނެރެ ދިނުމަށް ކޯޓުން ވަނީ ދެކޮޅު ހަދައިފައެވެ.

ގެވެށި އަނިޔާގެ މި މައްސަލަ ފެންމަތިވެފައި ވަނިކޮށް ޖާބިރު "ވަގުތަށް" ވިދާޅުވީ އަހުމަދު އީސާގެ ފަރާތުން ގެވެށި އަނިޔާ ލިބުނު ވާހަކަ ވަރަށް އަސަރާއެކު އަސްރާ ހިއްސާ ކުރެއްވި ކަމަށެވެ. އީސަ އަށް ކުރެވިފައިވާ މި ތުހުމަތާ ގޫޅިގެން އަސްރާގެ ހާލު ބެއްލެވުމަށް ގުޅުއްވުމުން އަސްރާ އެ ވާހަކަތައް ކިޔައި ދިނީ އަސަރުން ފުރިފައިވާ ހާލުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އަސްރާ އަށް އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ ދަރިފުޅު މިކަމުގެ ތެރޭގައި ޝާމިލްކޮށްފައި ވާތީއެވެ.

މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައި ޖާބިރު ވިދާޅުވީ އީސަގެ ފަރާތުން މިފަދަ އަމަލެއް ފެނިދާނެ ކަމަށް ހީކުރައްވާފައި ނުވާ ކަމަށެވެ.

ޢައިރު ގާނޫނީ މިފަދަ އަމަލެއް ކޮށްފި ކޮންމެ މީހަކަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. އެއީ "ޖާބިރު ކަމުގައި ވީނަމަވެސް" އިންސާފްގެ ކުރި މައްޗަށް ގެނެވެން ޖެހޭނެ ކަމުގައި ފާހަގަކުރައްވަމުން އޭނާ ވަނީ މެމްބަރު އީސަ މަޖިލީހުން ވަކިކުރުމަށް ގޮވާލައްވައިފައެވެ.

އީސަ ދިރިއުޅުއްވާ އިމާރާތުގައި އުޅޭ މީހަކު ބުނީ، އަންގާރަ ދުވަހުގެރޭ ދަންވަރު އެކެއް ޖަހާކަން ހާއިރު އީސަ ދިރިއުޅުއްވާ އެޕާޓްމެންޓުން ހަޅޭކުގެ އަޑު އިވިގެން ބަޔަކު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. ފުލުހުންގެ އެހީގައި އަސްރާ ޑޮކްޓަރަށް ވަޑައިގެންނެވި ކަމަށް ވެސް މައުލޫމާތު ދިން މީހާ ވަނީ ބުނެފައެވެ. އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް އަސްރާ އަށް ލިބިވަޑައިގެންފައިވާކަން ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ވަނީ އެނގިފައެވެ.

މި ތުހުމަތުތައް އަމާޒުވުމާއި ގުޅިގެން އީސަ ވަނީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުންވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވުމަށް ފޮނުވާފައިވާ ސިޓީގައި ވަނީ އަމާޒުވި ތުހުމަތުތަކަށް އިންކާރުކޮށް، ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަގާމުން އިސްތިއުފާ ދިނީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާއި ގުޅިގެން އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ވަނީ އީސައަށް ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މައްސަލައިގެ ޖިނާއީ ތަހްގީގު ނިމެންދެން، ޕާޓީގެ ގައުމީ މަޖިލީހުންނާއި، އެތެރޭގެ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް ނިންމާފައިވެއެވެ.

އަސްރާ އާއި ދަރިފުޅަށް އީސަގެ ފަރާތުން ކުރިމަތި ކަންކަމުގެ ތަފްސީލެއް ނުލިބެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކުޑަދަރިފުޅު އެޕާޓްމަންޓްގެ ނުވަވަނަ ބުރިން ވައްޓާލާނެ ކަމުގެ އިންޒާރު ވެސް އީސަ ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލޯބި

    އަސްރާ ހާދަރީއްޗޭ. 🌹

    34
    5
  2. ކޮރަލް

    ޖާބިރު ދެއްކި ވާހަކަ އަށް ފުރަތަމަ ފަހަރަށް ތާއީދު ކޮށް ކޮމެންޓް އެއް ކޮށްލާ ހިތް ވެއްޖެ އެވެ. މިމައްސަލައިގަ ޖާބިރު ތިޔަ ދެއްކެވިހިއްވަރަށް ހަމަ ސާބަސް ދެމެވެ.

    33
    1
  3. ޖާބެ

    ގެވެށިއަނިޔާ ލިބުނީ ޖާބެއަށްތަ؟

    10
    4
  4. ޕާޕަ ޕާޕާ

    ޑރ.ޖަ މީލް ވިދާޅުވިގޮތަށް އަދި ކުރިއަށްދަނީ.
    ވަކި ޕާޓީއެއްގެ ބަޔަކަށް ފިޔަވޅޭއް ނޭޅޭނެ މައްސަލަ ނުވެސްބަލާނެ.

    24
  5. އަލްޖިބްރާ

    އަހަރެންވެސް ހިއެއްނުކުރަން މިހާ އަވަހަށް ކޭބަލް ކާރު ދުއްވާގޮތަށް ހެދޭނެ ކަމަކަށް !

    13
    1
    • ބޯގޯސް

      ކަލެޔަށްވެސް ފަސޭހަތާ
      ކޭބަލްކާރުގަ ދަތުރުކޮށްލަން!

  6. އަންނި

    އަސްލުވެސް އަސްރާ ވަރަށް ލޯބި، އީސަ ކީތަ ތިޔަކުރީ. ހިތާމަ ކުރަން ތިފަދަ އަމަލެއް ހިނގީތީ.

    20
    1
  7. ތމ

    ޖާބެ އަށްތަ މިފަހަރު ގެވެށި އަނިޔާ ލިބުނީ.....