ފުވައްމުލައް ސިޓީގެ ކޮވިޑް ހާލަތު ވަރަށް ގޯސް ކަމަށާއި އެސިޓީ އޮތީ މިފަދަ ހާލަތަކަށް ތައްޔާރުވެފައި ނޫން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފިއެވެ.

ހޮސްޕިޓަލްގެ ފަރާތުން އެކަން ހާމަ ކޮށްފައިވަނީ މިއަދު ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދުއެވެ.

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ފުވައްމުލަކުގައި ގާއިމު ކޮށްފައިވަނީ ދެ ވެންޓިލޭޓަރު ހިމެނޭހެން އައިސީޔޫއެކެވެ. ދެން އެސަރަހައްދުން ބަލި ޖެހިގެން ގާތުން ބަލަން ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވަނީ 35 އެނދުގެ ކޮވިޑް ފެސިލިޓިއެކެވެ. އެއީ އައްޑޫގައި ގާއިމު ކޮށްފައިވާ ފެސިލިޓީއެކެވެ.

ފުވައްމުލަށް ސިޓީން ފަހަކަށް އައިސް ވޭދަނަތައް އިތުރުވުމާއި ގުޅިގެން އެންއައިސީޔޫ އަދި މެޓާނިޓީ ވޯޑް ހުސްކުރުމަށްފަހު އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލަކުގެ އާ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ، އެއްފަހަރާ ގިނަ ބަޔަކު ފައްސިވުމުން ފަރުވާ ނުދެވޭ މައްސަލަ މިހާރު ދިމާވެފައިވާ ކަމަށެވެ. އަދި ފަހަކަށް އައިސް ހޮސްޕިޓަލުގެ މުވައްޒަފުން ވެސް ކޮވިޑަށް ފައްސިވަމުން އަންނަ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެފަދަ ހާލަތެއްގައި ވެންޓިލޭޓަރުތައް ހުރި ނަމަވެސް، އެފަދަ ތަކެތި ބޭނުން ކުރަން ދަންނަ ބަޔަކު ނެތިއްޔާ ފަރުވާ ނުދެވޭނެ ކަމަށް މޭޔަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ރަނގަޅު ހިދުމަތެއް ދޭން ބޭނުންވި ނަމަވެސް ހޮސްޕިޓަލަށް ބޭނުންވާ ވެހިކަލާއި މުވައްޒަފުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން އަހުމަދު ފާހަގަކުރެއްވިއެވެ.

ފުވައްމުލަށް ސިޓީން އިތުރު 70 މީހަކު ފައްސިވެފައިވާއިރު، މިހާރު އެސިޓީން ފައްސިވި މީހުންގެ އަދަދު ވަނީ 221 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަައީމް

    ދެން ވީމާ އިސްތިއުފާދީފާ ގެއައްދާންވީނު ކީއްވެހޭ މިހާ ދުވަސްވީއިރުވެސް ރައްޔިތުންނައް ތިކަންކަން ހާމަނުކުރީ މި ނިމުނު އިންތިހާބައް ފޮރުވައިގެން ތިބީ އޭރުގޮވީ ތައްޔާރީ ހާލަތުގައޭ މިހާރު ތިޔްގޮވަނީ ތައްޔާރެއްނޫނޭ 2 އަހަރު ވޭތުވެގެން ދިޔައިރުވެސް ތައްޔާރެއްނުވެވުނު ދެންކޮންއިރަކުން ތައްޔާރުވާނީ ކަލޭމެނާ ދޭތެރޭގާ ހަރިކަށި ފިޔަވަޅު އަޅަން ގޮވާލަން އިންތިހާބައްނަމަވެސް ތިތާގާ ހުރިހާވަސިލަތް ހަމަކަމަށާއި ތައްޔާރީ ހާލަތުގަ އޮތްކަމައް ރައްޔިތުންނައް އޭރުގާ އަންގަމުންދިޔައީ

  2. 2 އަހަރު

    ކޮވިޑް 19 ދެވަނަ އަހަރު ގުނަމުން ދާއިރު އަދިވެސް ތައްޔާރު ނުވެވެންޔާ ތަން ބަންދުކުރަން ފެންނަނީ