ޣައްޒާ އަށް އެހީތެރިވުމުގެ ގޮތުން "ފަލަސްތީން ރިލީފް ޗެރިޓީ ކަޕް" ގެ ނަމުގައި ފަންޑްރައިޒިން ޕަބްޖީ މުބާރާތެއް ބޭއްވުމަށް އީޓުއެސް ގޭމްސް އާއި އޫރީދޫ ގުޅިގެން ނިންމައިފިއެވެ.

އީޓޫއެސް އާއި އުރީދޫ ގުޅިގެން ބާއްވާ މި މުބާރާތުގައި 200 އަށްވުރެ ގިނަ ގޭމިން ޓީމުތައް ހިމެނޭ ކްލަބްތައް ޕާޓްނަރ ވެފައިވާއިރު، މުބާރާތުން ލިބޭ ހުރިހާ ފައިސާއެއް ހަވާލުކުރާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައި.އޭ.ސީ) އާއި ކަމަށް އީޓުއެސް އިން ވަނީ ބުނެފައެވެ.

މިމުބާރާތަކީ ރާއްޖޭގެ ގޭމާރސް، ފަލަސްތީނާއި އެކީ ތިބިކަން އެންގުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ މުއްދަތަކަށެވެ. މި މުބާރާތުގެ މެޗުތައް ކުޅޭނީ ރޭގަނޑުއެވެ.

މިމުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހަމަ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެން ވެއެވެ. މި މުބާރާތުގައި ބައިވެރި ވުމުގެ ސުންގަނޑި މިރޭ 10ގަޑި ސުންމިނެޓަށް ހަމަވިއިރު، މިހާތަނަށް 110 އަކަށް ވުރެ ގިނަ ޓީމު ވަނީ ބައިވެރިވެފައެވެ. މިއީ ގާތްގަނޑަކަށް 600 އަށް ވުރެ ގިނަ ދިވެހި ޒުވާނުންކަން ފާހަގަ ކޮށްލެވެއެވެ.

އީޓޫއެސް އިން ކުރިއަށް ގެންދާ 'ފަލަސްތީން ރިލީފް ޗެރިޓީ ކަޕް'ގައި ބައިވެރިވާ ބައެއް ޓީމުތަކާއި ސްޕޮންސަރ ތައް

ކޮވިޑުގެ މިހާލަތުގައި އެންމެން ގޭގައި ތިބޭ މިފަދަ ދަނޑިވަޅެއްގައި ޒުވާނުން އިސްނަގައިގެން ކުރިއަށް މިގެންދާ ހަރަކާތަށް ގިނަ ބަޔަކު ތާއީދު ކުރަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

މިމުބާރާތުގެ ގިނަ ސުޕޮންސަރު ތިބި އިރު މެއިން ސްޕޮންސާ އަކީ އުރީދޫ މޯލްޑިވްސްއެވެ.

އީޓޫއެސްއިން ބުނީ މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު 24 ގަޑި އިރުނުވަނީސް 45،000 ގެ އެހީ ވަނީ ލިބިފައިވާ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް އެޓީމަކުން ބޭނުން އަދަދެއް ހަދިޔާ ކުރެވިދާނެއެވެ. ނަމަވެސް ބައިވެރި ވުމުގެ ގޮތުން 100 ރުފިޔާގެ ފީއެއް ނެގޭނެއެވެ. އެގޮތުން ބައެއް ޓީމުތަކުން 1000 ރުފިޔާގެ އެހީ ވެސް ވަނީ ދީފައެވެ.

ހަމަ އެއާއި އެކު މި މުބާރާތުގައި ބައިވެރި ނުވާ މީހުންނަށް ވެސް މި ހަރަކާތުގައި އެހީ ވުމުގެ ފުރުސަތުވަނީ ހުޅުވާލަފައެވެ. އެގޮތުން އެ ޖަމުއިއްޔާގެ ބޭންކް އެކައުންޓު މެދުވެރިކޮށް ވެސް އެހީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އީޓޫއެސްއިން ބުނާ ގޮތުގައި މި މުބާރާތުގައި މަދުވެގެން 120 ޓީމު ބައިވެރިވާނެކަމަށް ބެލެވެއެވެ.

މި ހަރަކާތުން ލިބޭ ފައިސާ ދެފުއް ފެންނަ ގޮތެއްގައި ރައްޔިތުންނަށް ދައްކައިދޭނެކަމުގެ ޔަގީންކަން އީޓުއެސްއިން ވަނީ ދީފައެވެ. އެއާއި އެކު މިމަހު 19 އިން، މުބާރާތް ނިމެންދެން އެ ޖަމުއިއްޔާގެ ބޭންކް ސްޓޭޓުމެންޓުތަށް ރައްޔިތުންނަށް ފެންނާނޭހެން އާންމު ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ދިވެހި ރައްޔިތުން ތިބީ ފަލަސްތީނާއި އެކީކަން ދެއްކުމުގެ ގޮތުން ގިނަ ޒުވާނުންތަކެއް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދިވެހި ޒުވާނުންގެ ރޫހު މިކަމުގައި ގަދަކަން ފާހަގަ ކޮށްލެވެއެވެ.

މި މުބާރާތް ބަލާލަން ބޭނުންވާ ފަރާތްތަކަށް ފޭސްބުކު ޕޭޖް އަދި ޔޫޓިއުބުން ލައިވް ކުރާނެ ކަމަށް އީޓޫއެސްއިން ވަނީ ބުނެފައެވެ.

އީޓޫއެސްއަކީ އުރީދޫއާއި ގުޅިގެން ރާއްޖޭގައި ގޭމިން މުބާރާތްތައް ބާއްވަމުން އަންނަ އެންމެ ބޮޑު ޕްލެޓްފޯމްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކޮވިޑް-19 ގެ ހާލަތު ވެސް އީޓޫއެސް އިން ވަނީ ގޭމާސް އަށް 200،000 އަށްވުރެ ގިނަ ފައިސާ އިނާމުގެ ގޮތުގައި ދީފައެވެ. މިކަމުގު ސަބަބުން ގިނަ ބަޔަކު އެފަރާތުން ކުރާ މަސައްކަތް ބަލައިގަންނަކަން ފާހަގަކޮށްލެވެއެވެ.

ފައިސާގެ އެހީ ދެއްވަން ބޭނުންވާ ފަރާތްތަކުން އީޓޫއެސްގެ ބީއެމްއެލް އެކައުންޓް 7730000263764 އަށް ފައިސާ ފޮނުވޭނެއެވެ. އަދި ސްލިޕް 7699138 އަށް ފޮނުވުމަށް އީޓޫއެސްއިން އެދެއެވެ.