ޖުމުހޫރީ ޕާޓީގެ އައު ދިދަ އާއި ލޯގޯ ތަޢާރަފް ކުރާނީ ޕާޓީގެ ކޮންގްރެސްގައި ކަމަށް އެޕާޓީން ބުނެފިއެވެ.

ކޮންގްރެސްއަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޕާޓީގެ އައު ދިދަ އާއި ލޯގޯ ތައާރަފް ކުރާނީ، ޕާޓީގެ ކޮންގްރެސް ތެރެއިން ހުކުރު ދުވަހު ކަމަށެވެ.

މިގޮތުން ކޮންގްރެސް ފެށުމަށް ބާއްވާ ޖަލްސާއަށް ފަހު ފުރަތަމަ ބާއްވާ ސެޝަންގައި އައު ދިދަ އާއި ލޯގޯ އިފްތިތާޙް ކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.

ޖޭޕީގެ އައު ދިދަ އަކާއި ލޯގޯއެއް ބޭނުން ކުރުމަށް ނިންމީ، އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމާއި ގުޅިގެން ޖުމުހޫރީ ޕާޓީން ކޯޓަށް ހުށައެޅި މައްސަލަތައް ނުނިމި ދިގުލައިގެން ދިޔުމާއި ރިޔާސީ އިންތީޚާބު ބޯމަތިވަމުން އަންނަ އިރު ކުރިޔަށް ދެވޭނެ ގޮތަކީ އެއީ ކަމުގައި ވާތީ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީން ބޭނުންކުރަމުން އައި ދިދައާއި ލޯގޯއަކީ ޕާޓީގެ މެންބަރުންގެ ހިތްތަކާއި ގުޅިފައިވާ އަދި އެ މެންބަރުން ލޯތްބާއި އިހުތިރާމު އޮތް އެއްޗެއްކަމުން އެއަށް ބަދަލުގެނައުމަކީ ކުރަން ފަސޭހަކަމެއް ނޫންކަމަށެވެ.

" މިއަދުގެ ސިޔާސީ މައިދާނުގައި ޖުމްހޫރީ ޕާޓީއަކީ އެތައް ހާސް ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ ސިޔާސީ ޕާޓީއަކަށްވުމުން، ސިޔާސީގޮތުން ކުރިއަށް ދެވެން އޮތް ގޮތެއް ޖުމްހޫރީ ޕާޓީން އިޚުތިޔާރުކުރީ" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީ ހުއްޓުވަން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުނުވާނެ ކަމަށާއި ޖުމްހޫރީ ޕާޓީ ފަސްޖެހުމެއްނެތި ހުރަސްތައް ގިރާކުރަމުން ކުރިއަށްދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު