ށ. ކަނޑިތީމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 67 އަށް އަރައިފިއެވެ.

އަތޮޅު ތެރޭގެ ރަށްތަކުން ކޮވިޑް-19 ގެ ވޭދަނަތައް ފެންނަމުން އަންނަ މި ދަނޑިވަޅުގައި ކަނޑިތީމުން އެންމެ ފުރަތަމަ ބަލީގެ ވޭދަނަތަކެއް ފެނިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހު އެރަށުން ފައްސިވެފައިވަނީ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ސުންކު ނެގި މީހަކާއި ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި 3 މީހެކެވެ.

ކަނޑިތީމުގެ ރައީސް އަހުމަދު އަހުސަން "ވަގުތު" އަށް ވިދާޅުވީ، އެރަށުން އިތުރު 27 މީހަކު ފައްސިވެފައިވާ ކަމަށެވެ. އެއީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ނަގާފައިވާ 99 ސުންކުގެ ތެރެއިން ފައްސިވެފައިވާ މީހުން ކަމަށް އަހުސަން ވިދާޅުވިއެވެ.

މީގެ ކުރިން އެރަށުން ފައްސިވެފައިވާ 40 މީހުންނަކީ ކުރިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވި މީހުންނެވެ.

އެހެން ކަމުން މިދޭވަނަތަކާއި އެކީ މިހާތަނަށް އެރަށުން ފައްސިވެފައިވާ މީހުންގެ އަދަދު 67 އަށް އެރީ ކަމަށް އަހުސަން ވިދާޅުވިއެވެ.

އަހުސަން ވިދާޅުވީ، މި ވޭދަނަތަކާއި ގުޅިގެން 74 ވަރަކަށް ގެއެއް މިވަގުތު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށާއި އަދި ވެސް އެއަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކަނޑިތީމުގެ މުޖުތަމައު ތެރޭގައި ބަލި ފެތުރޭ ކަމަށް ބެލެވިފައިވާއިރު، މިވަގުތު އެރަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 50،802 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 2،194 މީހަކީ ފާއިތުވި 24 ގަޑިއިރު ފައްސިވެފައިވާ މީހުންނެވެ. މިއަދަދުތަކުން ރާއްޖޭގެ ހާލަތު ގޯސްވެފައިވާ މިންވަރު ހާމަވެއެވެ.