ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ފަލަސްތީނުގެ ފޮރިން މިނިސްޓަރ ރިޔާދް މާލިކީއާ ބައްދަލުކުރައްވައިފިއެވެ.

ޝާހިދު އެ ގައުމުގެ ފޮރިން މިނިސްޓަރާއި ބައްްދަލުކުރައްވާފައި ވަނީ ނިއުޔޯކްގައި، ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި ރޭ އޮތް އދގެ އާއްމު މަޖިލީހުގެ ބަހުސްގެ ހަވާސާގައި އޮތް މި ބައްދަލުކުރެއްވުމުގައެވެ. އެ ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ފޮރިން މިނިސްޓަރ ޝާހިދު ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، ހައްގުތައް ހޯދުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކޮށް ތާއީދުކުރާނެކަަަމަށް ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްއާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރިޔާދް އަލް މާލިކީ ވުދާޅުވީ،މި ދަތި ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން ހިތްވަރު ލިބިގަންނަކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ފަލަސްތީނުގެ މައްސަލައިގައި ދިވެހި ސަރުކާރުން ދެކޭ ގޮތް ބަދަލުނުވާނެކަމަށް ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބައިނަލްއަގްވާމީ މުޖްތަމައުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރާނެކަމުގެ ޔަޫންކަން ރިޔާދް މާލިކީއަށް އަރުވާފައެވެ.

ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި އދގެ އާއްމު މަޖިލީހުގައި ރޭ ބޭއްވި ބައްދަލުވުމުގެ ފަހުން، ހަމަލާ ބަދަލުކުރުން ހުއްޓާލާނެކަމަށް އިސްރާއީލުން ހާމަކުރުމާ ގުޅިގެން، އެކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

އަދި މި ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީތެރިކަން އިހުނަށްވުރެ ބޮޑަށް ބޭނުންވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.