ފ. ފީއަލުން އިތުރު 45 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ފީއަލި ސިއްހީ މަރުކަޒުން އާއްމު ކޮށްފައިވާ މައުލާތައް ބަލާއިރު، މިއަދު މެންދުރު 15:00 ގެ ކުރިން އެރަށުން 45 މީހަކު ފައްސިވެ މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 245 އަށް އަރާފައެވެ.

އެރަށުން ނެގި 1،175 ސުންކުގެ ތެރެއިން މިހާތަނަށް 900 ސުންކު ނައްސިވެފައިވާއިރު، ނަތީޖާ ނުލިބި 30 ސުންކު އެބަ ހުއްޓެވެ.

އެރަށުން 46 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބައްޔަށް ފަރުވާ ދެމުން އަންނަނީ 199 މީހަކަށެވެ. އަދި މީގެ ކުރިން ހާލު ދެރަވެގެން އިތުރުފަރުވާ ދިން މީހާ ދޫކޮށްލާފައިވާ ކަމަށް ވެސް ސިއްހީ މަރުކަޒުން ބުންޏެވެ.

މާލެ ފިޔަވައި އަތޮޅުތަކުގެ ރަށްތަކުން ކޮވިޑް-19ގެ ވޭދަނަތައް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް ބަލި ފެނިގެން 50 އަށްވުރެ ގިނަ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 50،802 އަށް އަރާފައިވާއިރު، އިއްޔެ އަލަށް ރާއްޖެއިން ރިކޯޑް އަދަދަކަށް މީހުން ވަނީ ފައްސިވެފައެވެ.