އައްޑޫސިޓީން އިތުރު 17 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަދު ހަވީރު 18:00 އާއި ހަމައަށް އައްޑޫއިން ފައްސިވެފައިވަނީ ހިތަދޫއިން 12 މީހަކާއި މަރަދޫއިން ދެ މީހެއްގެ އިތުރުން ހުޅުދޫއިން ތިން މީހެކެވެ.

މިއާއި އެކީ އައްޑޫއިން މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 192 އަށް އަރާފައެވެ. އޭގެ ތެރެއިން 34 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ފަރުވާ ދެމުން އަންނަނީ 158 މީހަކަށެވެ.

އައްޑޫ ހޮސްޕިޓަލުން ބުނީ، ފަރުވާ ދެމުން އަންނަ 158 މީހުންގެ ތެރެއިން 8 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ކަމަށެވެ.

އައްޑޫގެ ވަކި ރަށްތަކަށް ބަލާއިރު، ހިތަދޫއިން މިހާތަނަށް 86 ވޭދަނައެއް ވަނީ ފެނިފައެވެ. މަރަދޫއިން 6، މަރަދޫފޭދޫއިން އެކެއް، ފޭދޫއިން 12، ހުޅުދޫއިން 43، މީދޫއިން 9 އަދި ސައުތު ޕާމް ރިސޯޓުން އެއް ވޭދަނަ ވަނީ ފެނިފައެވެ.

ހޮސްޕިޓަލުން ބުނީ، އައްޑޫއިން ފައްސިވެފައިވާ މީހުންނާއި ގާތުން އެއްތާވި މީހުންގެ އަދަދު 486 އަށް އަރާފައިވާ ކަމަށެވެ.

އައްޑޫގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އަންނާތީ އެޗްޕީއޭއިން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހަވީރު 16:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު މިހާރު ވަނީ އިއުލާނު ކޮށްފައެވެ.

އަދި އެއް އަވަށުން އަނެއް އަވަށަށް އަދި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށާއި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.