ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދިން ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ ދަރަނި ޑީއާރުޕީއާ ގުޅިވަޑައިގަތުމުން މާފްކޮށް ދެއްވާނެ ކަމަށް އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މްމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޖާބިރު ވަނީ 2005 ވަނަ އަހަރު މައުމޫން އުފެއްދެވި އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ކަމުގައިވާ ޑީއާރުޕީއަށް އެނބުރި ވަޑައިގަތުމަށް ދައުވަތު އަަރުވާފައެވެ. އަދި އެ ދައުވަތު ގަބޫލުކުރައްވައިފި ނަމަ، 29 މިލިއަން ރުފިޔާގެ ލޯން މާފްކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުﷲ އަށްވެސް ޑީއާރުޕީއާއި ގުޅުމަށް ދައުވަތު އަރުވާ ކަމަށެވެ. އަދި އެޕާޓީ އާއި ގުޅިއްޖެ ނަމަ، ރިޔާސީ ޓިކެޓްވެސް ދޭނެ ކަމަށް ވިދާޅުވިއެވެ.

ޖާބިރު ވަނީ ރައީސް، މުހައްމަދު ނަޝީދުއަށްވެސް ޑީއާރުޕީއާއި ގުޅިވަޑައި ގަތުމަށް ދައުވަތު އަރުވާފައެވެ. އަދި ވިދާޅުވީ "އެމްޑީޕީ ހިންގުމަށްވުރެ ބުއްދިވެރި ވާނީ ނަޝީދު ޑީއާރުޕީއާއި ގުޅުމުން" ކަމަށެވެ.

މައުމޫނާ ދެކޮޅަށް ޖާބިރު ފުރަތަމަ މައްސަލަ ހުށަހެޅުއްވުމުން ފުލުހުން އެ މައްސަލަ ބަލައިގެންފައެއް ނުވެއެވެ. ދެވަނަ ފަހަރަށް އެމައްސަލަ ހެއްކާއި އެއްކޮށް ހުށަހެޅުމުން މައްސަލަ ބެއްލެވުމަށްޓަކައި އޭނާ ފުލުސް އޮފީހަށް ވެސް ވަނީ ހާޒިރު ކުރެވިފައެވެ. ނަމަވެސް 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޖާބިރު ވަނީ ރައީސް މައުމޫން އަނބުރާ ދައްކަވާ ގޮތަށް ޖާބިރުގެ އަތުން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ އިންޓްރެސްޓް އާއި އެކު 59 މިލިޔަން ރުފިޔާ މާފުކޮށް، ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނަންގަވާފައެވެ. އެފަހަރު މައްސަލަ ނެންގެވީ ޖާބިރުގެ މަންމަ މަރިޔަމް މަނިކުގެ އެދިވަޑައިގަތުމަކަށް ކަމަށްވެއެވެ. އެއީ ދެ ބޭފުޅުންގެ މަންމާފުޅު ހުވަދޫ އަތޮޅަށް ނިސްބަތް ވުމުން ތިމާގެ ވާނޭ ކަމަށް ވިދާޅުވެއެވެ. ނަމަވެސް ޖާބިރު ވަނީ ފަހުން އެ މައްސަލަ ކޯޓަށް ހުށަހަޅުއްވައިފައެވެ.

ޖާބިރުގެ ފަރާތުން މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދެވެ. "ޑިމޮކްރެސީ" ގެނައުމަށްޓަކައި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން މެދުވެރިކޮށް ކޮލަމްބޯގައި ދިން ކަަމަށް ބުނާ މިފައިސާގެ ވާހަކަ މައުމޫން ދޮގުކުރައްވައެވެ. އަދި ޖާބިރުއާ އެކު އެފަދަ އެއްވެސް މުއާމަލާތެއް ކުރެވިފައި ނުވާކަމަށް ވިދާޅުވެއެވެ. އެންމެ ފަހުން ސިވިލް ކޯޓުން ވެސް އެ މައްސަލަ ނިންމީ މައްސަލަ މައުމޫންގެ މައްޗަށް ސާބިތު ނުވާކަމަށެވެ. އެ ދައުވާގައި ހޯދަން އެދިފައިވާ ފައިސާ ދައްކަން މައުމޫންގެ މައްޗަށް އަންގާނެ ތަނެއް ނެތް ކަމަށް ހުކުމްގައިވެއެވެ.

ނަމަވެސް ޖާބިރު ފެށުނީއްސުރެވެސް އަންނަނީ މި ފައިސާއެއްގެ ވާހަކަ ދައްކަވަމުންނެވެ. ޖާބިރު ވިދާޅުވާ ގޮތުން ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތްވެސް އަނބިކަނބަލުން ދިޔާނާ ސައީދު އަންނަނީ ކުރައްވަމުންނެވެ.

ޑީއާރުޕީގެ ލީޑަރަކަށް މިހާރު ޖާބިރު ހުންނެވި ނަމަވެސް އެ ޕާޓީއަކީ ރައީސް މައުމޫން 2005 ވަނަ އަހަރު އުފެއްދި ޕާޓީއެކެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓުގައި ރައީސް މައުމޫން ވާދަކުރެއްވިއެވެ. ނަމަވެސް އިންތިހާބު ނާކާމިޔާބުވެ، އެ ޕާޓީގެ ލީޑަރަކަށް ފަހުން އިންތިހާބުވި އަހްމަދު ތަސްމީން އަލީއާއި ދެމެދު ޖެހުނު މައްސަލައެއްގައި ހިޔާލު ތަފާތުވެ، ޕާޓީ ދޫކުރައްވާ ވަޑައިގަތެވެ. އެއަށްފަހު 2011 ވަނަ އަހަރު ޕީޕީއެމް އުފެއްދެވިއެވެ. ޕީޕީއެމުން 2013 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ރައީސް މައުމޫންގެ ކޮއްކޮ ރައިސް އަބްދުﷲ ޔާމީންއަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާއި ހިޔާލް ތަފާތުވެ، ޕީޕީއެމްގެ ތެރޭގައި ދެ ފެކްޝަނެއް އުފެދުނެވެ. އެ މައްސަލާގައި ރައީސް މައުމޫންގެ ޕާޓީ ދޫކުރައްވާ ވަޑައިގަތެވެ. އެއަށްފަހު 2019 ވަނަ އަހަރު ތެރޭގައި އެމްއާރުއެމް އުފެއްދެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސަޓޯ

    ގަނެލީދޯ ؟؟

    14
    1
  2. ޖ ބެ

    ކަލޭ ތި އުޅެނީ ބިރު ދައް ކާއިގެން ވައްދަންތަ؟ ނުވަންނާ ނަން!

    23
    1
  3. ޟމ

    މީނަމީ މި ދުނިޔޭގަހުރި އެންމެ މުއްސަނދި މީހާތަ، މީނައަށް ނުދަރާ އެކަކުވެސް މި ޤައުމުގަ ނެތް

    20
  4. އަލްޖިބްރާ

    ނުސީދާކޮށް ތިޔަ ހުށައަޅަނީ ރިޝްވަތު !

  5. ހާމިދު

    އެއަށް ފަހު ދެން ގުޅި ވަޑައިގަތީ އމޑޕ ޢާއިއެވެ. އެއަށްފަހު ދެން ގުޅިވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ބަހާރަތިޔާ ޖަނަތާ ޕާޓީ ( ބޖޕ ) އާއި ކަމަށް ލަފާ ކުރެވޭ..

  6. ބޮޑު މޫން

    ބަލަ ބުރާންޗާ ކަލޭ އަތުން ދިނަސް އެއީ ކަލޭގެ ފައިސާއެއްނޫން. އެއިން އެއްބަޔަކީ ބުރޯ އެމްއެމްޕީއާރުސީއިން ކަޓުވާލި ފައިސާ (މެމްބަރުން ގަންނަންދިން) އަނެއްބަޔަކީ ގާޒީންގަންނަން އިންޑިޔާއިން ދިން ފައިސާ. އެހެން ނޫނަސް އެފައިސާގެ ވާހަކަ ދެންނުދައްކާ އެކައި ގުޔަށްވެއްޖެ.

    10
  7. ޖަމަލު ފޮޑި

    އެއްވެސް އުރައްޕަތެއް ނެތް ބުރާންތި އެއް..

  8. މުހައްމަދު ޝާހް، ރ.ވާދޫ

    ޖާބިރަކީ ހުސް ހޮޅިވާހަކަ ދައްކާ އަނގައެއް! ތިޔަފައިސާއަކީ މައުމޫނު ދައްކަން އޮތްފައިސާއެއް ކަމަކަށް ގަބޫލެއްނުކުރެވޭ. މުޅިންވެސް އަނގަތަޅަނީ، ކޯޓަކުންވެސް ތިމައްސަލަ ބަލާތަނެއްނުފެނޭ. މައުމޫނު ތިކަމަކާ ކަހާތަން ހިރުވާވެސްނުލާ ކޫލްކޮށް އެއޮށްއުޅެނަގަނީ. ޖާބިރަކީ ބޮލެއް.

  9. ތމ

    މި އަޅެ މަރު މޯލެއްތަ