މިމަހުގެެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސްް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އެއް ޒުވާނަކީ ފުލުހުންގެ ވަޒީފާގައި އުޅުނު މީހެއް ކަމަށް އެ މުއައްސަސާ އިން ކަށަވަރުކޮށްދީފިއެވެ.

ނަޝީދަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އެކަކަކީ، ލ. ގަން، ދުންފުނިއުފާ އަހުމަދު ފާތިހު 23، އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތަށް" މިއަދު ވިދާޅުވީ ފާތިހު ފުލުހުންގެ ވަޒީފާގައި މަސައްކަތް ކުރި އިރު، އޭނާ ވަޒީފާއިން ވަކިވެފައި ވަނީ އަމިއްލައަށް ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާ މަސައްކަތް ކުރި އެއް ދާއިރާއަކީ ފުލުހުންގެ އިންޓަލިޖެންސްއެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް މިކަން ކަށަވަރުކޮށެއް ނުދެއްވައެވެ. އަދި ފުލުހުންގެ ހިދުމަތުގައި ފާތިހު އުޅުނީ ކިހާ ދުވަހު ކަމެއް ވެސް އޭނާ ވިދާޅެއް ނުވެއެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ ފާތިހުއާ ބެހޭ ގޮތުން މައުލޫމާތު ހާމަކުރެވެން އަދި އޮތީ އެވަރަށް ކަމަށެވެ.

ފާތިހު އަކީ ކުރިން މޯލްޑިވިއަންގެ ކެބިންކްރޫއަކަށް އުޅުނު މީހެކެވެ. ނަމަވެސް މިހާރު ވަޒީފާ ދޫކޮށްލިތާ ދުވަސްތަކެއް ވެއްޖެއެވެ. އެ ވަޒީފާއިން ވަކިވީ ހަރުކަށި ފިކުރުގެ މީހުންނާ އެކު އުޅެން ފަށައި، އޭނާގެ ވިސްނުމަށް އައި ބަދަލެއްގެ ސަބަބުން ކަމަށްވެއެވެ.

ފާތިހު ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ބ. ދަރަވަންދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފާތިހު ހައްޔަރުކޮށް، މާލެ ގެނައުމަށް ފަހު، ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

ފާތިހު ދަރަވަންދުއަށް ދިޔައީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރި އިރުވެސް ހުރީ ކަރަންޓީންގައެވެ. އޭނާ ދަރަވަންދުއަށް ދިޔައީ ކައިވެނި ކުރަން ކަމަށް ބައެއް މީހުން ގާތުގައި އޭނާ ބުނެފައި ވެއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާ ގުޅިގެން ފާތިހުގެ އިތުރުން އިތުރު ތިން މީހަކު ވެސް ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އެއީ އެއީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.

ނަޝީދަށް ހަމަލާ ދީފައި ވަނީ ވޭވް ސައިކަލެއްގައި އައިޑީއެއް ހަރުކޮށްގެންނެވެ. މި ހަމަލާގައި ރައީސްް ނަޝީދަށާއި، އެމަނިކުފާނުގެ ބޮޑީގާޑަށް އަދި ސަރަހައްދުގައި ހަމަލާ ދިން ވަގުތު ތިބި ބައެއް މީހުންނަށްްވެސް ވަނީ އަނިޔާ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 🥺

    ރަނގަޅު ތިރި އުޅުމެއްގަ އުޅެފަ އަމިއްލައައް އަމިއްލަ އަތުން ތި ދިރިއުޅުން ހަލާކު ކޮއްލަނީ
    ޖަލު ގަ އުމުރު ހޭދަ ކުރަން ތިޖެހެނީ
    ﷲ ދެއްކެވި މަގުގަ އުޅެންވާ ގޮތައް އުޅޭނަމަ😔
    މީހުންމެރުން ވައްކަން ކުރުން މީހުންނަށް އަނިޔާ ދިނުން މީ އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަންކަން އިސްލާމްދީން އެނގޭ ކޮންމެ މީހަކައްވެސް އެނގޭނެ
    އެކަމުގަ އޮއްނަ ހުކުންވެސް
    އަހަރެންގެ ރަސޫލާ ވެސް މީހަކައް ދުވަހަކުވެސް ދެރައެއް ނުދެއްވަ
    ދުނިޔެ އަކީ ވަގުތީ ތަނެއް
    މަރުވާނެ އިރެއްނޭނގެ
    ސިކުންތެއްގެ ތެރޭގަވެސް މަރުވެދާނެ
    ދުނިޔޭގަ އުޅެވޭ އިރަކު ހެޔޮކަންމަތީ ހުނަނާށެ

    26
    7
  2. ހުއްބުލް ވަތަން

    ތިއޮތީ އިންޓެލިޖެންސް ފޫގޮއްސަ!

    12
    1
  3. ފާޙިރާ

    ފާއްޓޭއައް ތެދުމަގު ދައްކަވާފާންދޭ،