ފަލަސްތީނަށް އެހީވުމުގެ ގޮތުން އީޓޫއެސް ގޭމިން އަދި އުރީދޫ ގުޅިގެން އިންތިޒާމުކުރި "ފަލަސްތީން ރިލީފް ޗެރިޓީ ކަޕް" އަށް މިހާތަނަށް 80،307 ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

މިފަދަ އިވެންޓެއް އީޓޫއެސްއިން ބާއްވާފައިވަނީ ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް އެހީވުމުގެ ގޮތުންނެވެ.

އީޓޫއެސް އާއި އުރީދޫ ގުޅިގެން ބާއްވާ ޕަބްޖީ މުބާރާތުގައި 200 އަށްވުރެ ގިނަ ގޭމިން ޓީމުތައް ހިމެނޭ ކްލަބްތައް ޕާޓްނަރ ވެފައިވާއިރު، މުބާރާތުން ލިބޭ ހުރިހާ ފައިސާއެއް ހަވާލުކުރާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައި.އޭ.ސީ) އާއި ކަމަށް އީޓުއެސް އިން ވަނީ ބުނެފައެވެ.

މި މުބާރާތުގެ މެޗުތައް ކުޅެމުން އަންނަނީ މި ހަފްތާ ބަންދުގައެވެ. އީޓޫއެސްއެިން މައުލޫމާތު ދޭ ގޮތުގައި މުބާރާތުގައި ވާދަ ނުކުރިކަމުގައި ވިއަސް ކޮންމެ ބޭފުޅަކަށް ވެސް ބޭފުޅަކު ބޭނުންވަރަކަށް ފައިސާ ހަދިޔާ ކުރެވޭނެއެވެ.

އީޓުއެސްއިން މައުލޫމާތު ދޭ ގޮތުގައި މި ފަންޑަށް 150،000 ރުފިޔާ ހަމަކުރުމަކީ އެފަރާތުގެ އަމާޒެކެވެ.

"ޑޮނޭޝަންސް ހޯދުމަށް ޒުވާނުން އެކީ ބުރަކޮށް މަސައްކަތް ކުރަމުން ގެންދޭ. އަދި އެތައް ބައެއްގެ އެއްބާރުލުމާ ތަރުހީބު ލިބޭ. ޒުވާނުން މިގޮތަށް މަސައްކަތް ކުރާތީ ހިތްވަރު ދިނުމަށް ވެސް ޑޮނޭޝަންސް ދޭ ބައެއް ފަރާތްތަކުން. ފަލަސްތީނަށް އެހީވުމަށް ދިވެހިން ފަހެއް ނުޖެހޭނެ" އީޓޫއެސްގެ އޮފިޝަލަކު ބުންޏެވެ.

ކޮވިޑުގެ މިހާލަތުގައި އެންމެން ގޭގައި ތިބޭ މިފަދަ ދަނޑިވަޅެއްގައި ޒުވާނުން އިސްނަގައިގެން ކުރިއަށް މިގެންދާ ހަރަކާތަށް ގިނަ ބަޔަކު ތާއީދު ކުރަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

ދިވެހި ރައްޔިތުން ތިބީ ފަލަސްތީނާއި އެކީކަން ދެއްކުމުގެ ގޮތުން ގިނަ ޒުވާނުންތަކެއް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި މުބާރާތް ބަލާލަން ބޭނުންވާ ފަރާތްތަކަށް ފޭސްބުކު ޕޭޖް އަދި ޔޫޓިއުބުން ލައިވް ކުރާނެ ކަމަށް އީޓޫއެސްއިން ވަނީ ބުނެފައެވެ.

އީޓޫއެސްއަކީ އުރީދޫއާއި ގުޅިގެން ރާއްޖޭގައި ގޭމިން މުބާރާތްތައް ބާއްވަމުން އަންނަ އެންމެ ބޮޑު ޕްލެޓްފޯމްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކޮވިޑް-19 ގެ ހާލަތު ވެސް އީޓޫއެސް އިން ވަނީ ގޭމާސް އަށް 200،000 އަށްވުރެ ގިނަ ފައިސާ އިނާމުގެ ގޮތުގައި ދީފައެވެ. މިކަމުގު ސަބަބުން ގިނަ ބަޔަކު އެފަރާތުން ކުރާ މަސައްކަތް ބަލައިގަންނަކަން ފާހަގަކޮށްލެވެއެވެ.

ފައިސާގެ އެހީ ދެއްވަން ބޭނުންވާ ފަރާތްތަކުން އީޓޫއެސްގެ ބީއެމްއެލް އެކައުންޓް 7730000263764 އަށް ފައިސާ ފޮނުވޭނެއެވެ. އަދި ސްލިޕް 7699138 އަށް ފޮނުވުމަށް އީޓޫއެސްއިން އެދެއެވެ.