އިތުރު 1960 މީހުން ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 1518 މީހުން ފައްސިވީ މާލެއިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 431 މީހުން އަދި ރިސޯޓްތަކުން އިތުރު 11 މީހަކު މިއަދު ވަނީ ފައްސިވެފައެވެ.

މިއަދަކީ 24 ގަޑިއިރުތެރޭގައި ނެގި ސުންކުތަކުން ކޮވިޑް-19 އަށް ރާއްޖެ އިން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑްއަށް ޓެސްޓް ކޮށްފައި ވަނީ 6333 މީހުންނެވެ. ކޮވިޑަށް ކުރި ޓެސްޓްތަކުގެ އަދަދާއި ފައްސިވި މީހުންގެ އަދަދަށް ބަލާއިރު ފައްސިވި މީހުންގެ ނިސްބަތް މިއަދު ވަނީ އިއްޔެއަށްވުރެ އިތުރު ވެފައެވެ. މިއަދު ކުރި ޓެސްޓްތަކުގެ %30.95 ވަނީ ފައްސިވެފައެވެ. އިއްޔެ ފައްސިވެފައި ވަނީ ޓެސްޓް ކުރި މީހުންގެ ތެރެއިން %25.36 މީހުންނެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ބަލި މީހުންގެ ގޮތުގައި 22421 މީހުން އެބަތިއްބެވެ. މީގެ ތެރެއިން 294 މީހުންނަށް އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އިއްޔެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 286 މީހުންނަށެވެ. އެހެންކަމުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެޑްމިޓް ކޮށްފައިވާ މީހުންގެ ޖުމްލަ އަދަދަށް އަށް މީހުން ވަނީ އިތުރު ވެފައެވެ.

ކޮވިޑަށް ފައްސިވަމުން އަންނަ މީހުންގެ އަދަދު އިތުރުވާން ފެށުމުން މާލޭގައި ވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެފިޔަވަޅުތަކުގެ އަސަރު ކުރާނެ ކަމަށް ބެލެވެނީ ދެހަފްތާ ފަހުން ކަމަށް އެޗްއީއޯސީ އިން ވަނީ ވިދާޅުވެފައެވެ. ހަރުކަށި ފިޔަވަޅުތައް އެޅިތާ ދެހަފްތާ ވާނީ މިމަހުގެ 26 ވަނަ ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢައްޔަބެ

    މީހުންގެ މޫމެންޓްސް ތަޢް މަދުކުރެވޭނެ ފިޔަވަޅު ތަކެއް އިތުރު ކޮށް ބަލިޖެހުމުން އަވަހަށް ފަރުވާދެވޭނެ ނިޒާމެއް ގާއިމުކޮށް ކޮންޓެކްޓުން ނާއި ބަލިޖެހޭ މީހުން ކަރަންޓީނު ކުރެވޭނެ ރަގަޅު ނިޒާމެއް އިތުރަށް ހަރުދަނާ ކޮށް އެކުލަވާލާ މިހާރަށްވުރެ ރޯގާ ކޮންޓްރޯލް ކުރާ ސިސްޓަމް ވަރުގަދަ ވެގެން މެނުވީ މިކަމެއް ނުވާނެ!

  2. ވަހީދުބެ

    ތިޔައީ ހަމައެކަނި މިއަދުނެގި ސާމްޕަލްތަކުން ޕޮޒިޓިވް ވީ ވަރެއްނޫން. މީގެ ތިންހަތަރުދުވަސް ކުރިން ސާމްޕަލްނެގި މީހުން ޕޮޒިޓިވްކަމެއް ނެގެޓިވްކަމެއް ނޭނގި އަދިވެސް އެބަތިބި. ތެދުބަހުން މައުލޫމާތު ދޭނީ ކޮންއިރަކުން.

  3. އަބްދުﷲ

    ކޮބާމިހާރު ބެކްލޮގު ވާހަކަ ކީއްވެ ނުދައްކަނީ

  4. އައިމަން

    ބައެއް މީހުންގެ ނަތީޖާ އެބަހުރި ދެފަހަރު ދެ ގޮތަށް ލިބިފަ ޕޮސިޓިވް ކަމަށް ބުނުމުން ނަފްސާނީ ވަނީ، އިރު ކޮޅަ ކުން ބުނާނެ އޮޅިގެންނޭ ނެގެޓިވްއޭ ބުނީމަ އުފަލުން މޮޔަވަނީ މިޔަށް ތޯ ބެކްލޮގް ކިޔަނީ؟

  5. ނެކްސްޓް ވޭވް ޖުލައި 2022

    މިދާރޭޓުގަ ޕޮޒިޓިވް ވަމުންދަންޏާ 8 މަސް ދުވަހުން މުޅި ރާއްޖޭގެ އެންމެނަށް ތިބޭނީ ކޮވިޑު ޖެހިފައެވެ. މި ބަލިން ހުރިހާ އިންސާނުން ސަލާމަތް ކުރައްވާށި