ޅ. ހިންނަވަރުން އިތުރު 58 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހިންނަވަރު ސިއްހީ މަރުކަޒުން އާއްމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފައްސިވެފައިވާ މީހުންގެ ތެރެއިން 26 މީހަކީ ފްލޫ ކްލިނިކުން ފައްސިވެފައިވާ މީހުންނެވެ. 21 މީހަކު ކުރިން ފައްސިވެފައިވާ މީހުންނާއި ކައިރިން ބައްދަލުވެގެން ފައްސިވެފައިވާއިރު، 11 މީހަކީ އެކި އިހާތަކާއި ގުޅިގެން ފައްސިވެފައިވާ މީހުންނެވެ.

މިއާއި އެކީ އެރަށުން ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 140 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 108 ދިވެހިންނާއި 32 ބިދޭސީންނެވެ.

ހިންނަވަރުން ބަލިން ރަނގަޅުވެފައިވަނީ 50 މީހެކެވެ. އަދި މިވަގުތު ސިއްހީ މަރުކަޒުގައި 2 މީހަކަށް ފަރުވާދެމުން އަންނައިރު އެކަކަށް އަންނަނީ ފެސިލިޓީގައި ފަރުވާ ދެމުންނެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން އަންނައިރު، މާލެ ފިޔަވައި އަތޮޅުތަކުން މި ބަލީގެ ވޭދަނަތަށް އަންނަނީ ގިނަވަމުންނެވެ. މިހާތަނަށް އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، 70 ރަށެއް ވަނީ ކޮވިޑްގެ ވޭދަނަތަށް ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ރާއްޖެއިން މިހާތަނަށް 54،365 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 1،960 މީހަކު ފައްސިވެފައިވަނީ މިރޭއެވެ. މިބަލި ޖެހުނު މީހުންގެ ތެރެއިން 31،812 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު 22،421 މީހަކަށް ފަރުވާ ދެމުން އަންނައިރު، 294 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ.

މި ބަލި ޖެހިގެން ރާއްޖެއިން 123 މީހަކު ވަނީ ނިޔާވެފައެވެ.