ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ލ.ގަން ތުނޑި، ދުންފިނިއުފާ، އަހްމަދު ފާތިހްގެ އަންހެނުންގެ ފޯނު ފުލުހުން ހިފަހައްޓައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފާތިހު އަންހެނުންގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފެހެއްޓި ނަމަވެސް އޭނާގެ މައްޗަށް އަދި ކުށެއްގެ ތުހުމަތު ފުލުހުން ކުރާކަމެއް ނޭނގެއެވެ.

ފާތިހު އަންހެނުންގެ ފޯނު ހިފެހެއްޓި މައްސަލައިގެ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މިމަހުގެ 19 ވަނަ ދުވަހު ފާތިހު ހައްޔަރު ކުރީ ބ.ދަރަވަންދޫން އެވެ. އޭނާ ކައިވެނި ކުރީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ. ފާތިހު ކައިވެނި ކުރީ ދަރަވަންދޫ މީހަކާއެވެ.

ރޯދަ މަސް ނިމުމާ ގާތްވެފައި ވަނިކޮށް ބ.ދަރަވަންދުއަށް ގޮސް، ފާތިހު މީހަކާ އިނީ ކަރަންޓީނުގައި ހުރެ، އޮންލައިން ކޮށެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ފާތިހު އާއި އޮތް ގުޅުން އަދި ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ފާތިހު ހައްޔަރު ކޮށްފައި ވަނީ ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެންކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ފާތިހަކީ ނަޝީދަށް އަމާޒުކޮށް ގޮވާލި އައިއީޑީ ނީލޯފަރުމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޕާކް ކުރި މީހާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް އެކަން ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ފާތިހު އާއިއެކު އިތުރު ތިން މީހަކު ވެސް ވަނީ މިހާރު ހައްޔަރު ކޮށްފައެވެ. ނަމަވެސް މައްސަލައިގެ ތަހްގީގަށް ލިބެމުންދާ ކުރިއެރުންތަކުގެ މައުލޫމާތު ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުމުހޫރީ މައިދާނުން

    ނުހިފެހެއްޓޭނެ . ޥ ދެރަކަމެއް

  2. ދެރަ

    އެވެރިން ބޭނުންވާ ބަޔަކު ގަނަތަޅުތަޅުވާނެ. ނުހައްގުން އަނިޔާ ދެވޭނީ މި ދުނިޔޭގައި އެކަނި. އޭގެ ބަދަލު ލިބޭނެ.