އައްޑޫ ސިޓީ ކައުންސިލުން ދެެމުން އަންނަ ހުރިހާ އިދާރީ ހިދުމަތްތަކެއް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ އާއި މިވަގުތު އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ވަކިގޮތެއް އަންގަންދެން، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި އެއިދާރާގެ ދަށުން ހިނގަމުންދާ އަވަށު އޮފީސްތަކުން ދެމުންގެންދާ އެންމެހާ ޚިދުމަތްތައް ދިނުންް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.

ކައުންސިލްގެ އިދާރާއިން ދެމުންގެންދާ ޚިދުމަތްތައް ދިނުން މެދުކަނޑާލި ނަމަވެސް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި ސޯޝަލް ސަޕޯޓް ޑެސްކްތަކުން ދެމުންގެންދާ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

އައްޑޫގައި ހަލުވި ކަމާއެކީ ކޮވިޑް-19 ފެތުރެމުން އަންނާތީ އެޗްޕީއޭއިން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހަވީރު 16:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު މިހާރު ވަނީ އިއުލާނު ކޮށްފައެވެ.

އައްޑޫއިން މިހާތަނަށް ފައްސިވި މީހުންގެެ އަދަދު ވަނީ 201 އަށް އަރައިފައެވެ. އެެންމެ ފަހުން އިއްޔެ ވެސް ވަނީ ނުވަ މީހަކު އެ ބައްޔަށް ފައްސިވެފައެވެ.

އޭގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 163 މީހަކަށެވެ. އޭގެ ތެރެއިން 92 މީހަކު ތިބީ ހިތަދޫގައެވެ. އަދި މަރަދޫގައި ހަ މީހަކު ތިބިިއިރު، މަރަދޫފޭދޫގައި ދެ މީހަކު އެބަތިއްބެވެ. އަދި ފޭދޫގައި 12 މީހަކު ތިބިއިރު، ގަމުގައި ފައްސިވެފައިވާ އެކަކާއި، ހުޅުދޫގައި 41 މީހެއްގެ އިތުރުން، މީދޫގައި ނުވަ މީހަކާއި، އައްޑޫ ކައިރި ރިސޯޓެއްގައި ފައްސި ވޭދަނައެއް އެބަ އުޅެއެވެ.

އެ ސިޓީން ބަލި ޖެހުނު 38 މީހަކު ވަނީ ބަލިން ރަނގަޅުވެފައެެވެ. އަދި ބަލި ޖެހުނު ހަ މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.