ރާއްޖެ އިން ކޮވިޑް-19 ޖެހިގެން 66 އަހަރުގެ ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައި ވަނީ ދިވެހި ފިރިހެނެކެވެ. އެމީހާ ނިޔާވެފައި ވަނީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އަށެއް ޖަހާ ކަންހާއިރުއެވެ.

މިއާއެކު ރާއްޖެ އިން ބަލި ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 124 އަށް އަރައިފައެވެ.

މިއީ މި މަހުގެ ތެރޭގައި ކޮވިޑް ބަލީގައި ރާއްޖެ އިން ނިޔާވި 51 ވަނަ މީހާއެވެ. ރާއްޖެ އިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 124 ދިވެހިންނާއި 15 ބިދޭސީންނެވެ.

މިއަހަރު ފެށުނީއްސުރެން ފެށިގެން ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ދިޔައީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން ރާއްޖެ އިން މިހާތަނަށް 54،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 22،000 އަށް ވުރެ ގިނަ މީހުން ދަނީ މި ބަލީގައި ފަރުވާ ހޯދަމުންނެވެ.

އަދި ހޮސްޕިޓަލްތަކާއި ކޮވިޑް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން 294 މީހުންނަށް ދަނީ ފަރުވާދެމުންނެވެ.