ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ކޮޅިގަނޑުގެ ނުސީދާ އަސަރު ރާއްޖެއަށް ކޮށްފާނެ ކަމަށް މިޓިއޮރޮލޮޖިކަލް ސެންޓަރުން ވިދާޅުވެއްޖެއެވެ.

މޫސުމާ ގައުމީ އިދާރާ، މެޓުން ވިދާޅުވީ، ކޮޅިގަނޑު ޖެހެމުން ދަނީ ހުޅަނގު އުތުރަށް ރާއްޖެއާ ދުރަށް ކަމަށެވެ. މެޓުން ވިދާޅުވީ، ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ ސަރަހައްދުގައި ހާއްސަކޮށް އުތުރާއި މެދު ރާއްޖެ ތެރޭގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

އާންމު ގޮތެއްގައި ގަޑިއަކު 17 މޭލައި 27 މޭލު ދެމެދުގެ ބާރުުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރު މިނަށް ވައިގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މޫސުން ލަފާކުރާ ގޮތަށް ބަލާއިރު އުތުރާއި މެދު ރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށާއި،އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން މައުލޫމާތުދެއްވައެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްދެ

    ހޯރަފުށި އެއާޕޯޓު ވަގުތުން ވަގުތަށް ބަންދުކޮށް، ކުރިންވެސް އޮތްގޮތައް ތަން ސާފުކުރުމަށް ގޮވާލަން، ތިޔަ އެއާޕޯޓެއް ހެދިފަހުން ދުނިޔޭގެ ކޮންމެ ތަނަކަށް ވައިރޯޅިއެއް ޖެހިލިޔަސް މިރާއްޖެޔަށް އޭގެ އަސަރުކޮށް އެތައް ގެއްލުމެއް އެބަލިބޭ..އެއާޕޯޓު ކަހަލަ ވަސީލަށްތައް ގާއިމުކޮށް ދޭންޖެހެނީ ވަކި ހާއްސަ ރަށްތަކެއްގަކަން މިކަމުން ސާބިތުވޭ..