ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުުގެ ހަމަލާއެއް ދިން މައްސަލައިގެ ތަހުގީގުގެ އިތުބާރަށް ބުރޫ އަރާ ފަދަ ކަންކަން ނުކުރަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިލްތިމާސް ކުރެއްވުމުން އެއީ އާންމު ދިވެހި ރައްޔިތުން ކުށްވެރި ކުރުން ކަމުގައި ސިފަ ކުރައްވައި ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓުން ޓްވީޓެއް ކުރައްވައިފިއެވެ.

ސީޕީ ހަމީދު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވަނީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ބޭރުގެ ފަންނީ މާހިރުންގެ އެހީއާއި އެ މީހުންގެ ލަފައާ އެއް ގޮތަށް އިންތިޒާމު ކުރެވިގެން ކަމަށް ވިދާޅުވެ، ތަހުގީގަށް މައުލޫމާތު ދިނުމާއި ހުރަސް އެޅޭ ކަންކަން ނުކުރުމަށް ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.

މި ޓްވީޓްގެ އިރުކޮޅެއް ފަހުން، ނަޝީދުގެ ނުރަސްމީ އެކައުންޓް ކަމަށް ބުނާ "އެލެކްސް އަހްމަދު" ގެ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ތަހުގީގުގެ އިތުބާރަށް ބުރޫ އަރާ އަސާސީ ސަބަބު ދެނެގަންނަން ޖެހޭ ކަމަށާއި ތަހުގީގަށް އިތުބާރު ލިބުމުގެ ފެށުމަކަށް ވާނީ އެ ކަން ކަމަށެވެ. އަދި އިތުބާރު ހިފޭ ގޮތަށް ތަހުގީގުތައް ގެންދިއުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކޮންމެ ކަމެއްގައި ކުށްވެރިޔާއަކީ ރައްޔިތު މީހާ ކަމަށް ދެއްކިއްޖެނަމަ ދެން ދާނީ ފަނު ފުލުން،" އެލެކްސްގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މި ހަމަލާއެއް ދިނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެއީ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީ ގެއިން ނުކުންނަވައި މަޖީދީ މަގުގައި އޭރު މަޑުކޮށްގެން އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ނީލޯފަރު ހިނގުމުން މަޖީދީ މަގުގެ ކަންމައްޗަށް ހިންގަވާފައި ދަނިކޮށް އެ ތަނުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީ ހަރުކޮށް އެ ގޮއްވާލައިގެނެވެ.

މި ނިރުބަވެރި ހަމަލާގައި ނަޝީދަށާއި އެމަނިކުފާނުގެ ހަށިފާރަވެރިންނަށާއި އިތުރު ބަޔަކަށް އަނިޔާތަކެއްވިއެވެ.

މި ހަމަލާގައި އެމަނިކުފާނަށް ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެން، ގިނަ އޮޕަރޭޝަންތަކެއް ކުރަން ޖެހުނެވެ. 16 ގަޑިއިރު އެމަނިކުފާނަށް ފަރުވާ ދެއްވީ ހޭނައްތައިގެންނެވެ. ހަފުތާއެއްހާ ދުވަހު އޭޑީކޭއިން ފަރުވާ ހޯއްދެވުމަށް ފަހު، އިތުރު ފަރުވާއަށް ޖަރުމަން ވިލާތަށް ވަޑައިގެންނެވިއެވެ. އެ ތަނުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދެވުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ. އެމަނިކުފާނު މިހާރު ވެސް ހުންނެވީ ޖަރުމަނުގައެވެ.

މި މައްސަލާގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވެއެވެ. މި އެންމެނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން ހުރި ބައެއް ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. މި ހަތަރު މީހުންނަކީ މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނެވެ. މި ކަން ރާވައި އިންތިޒާމު ކުރި އިތުރު ބަޔަކު ހިމެނޭތޯ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަޝީދުގެ ސަޕޯޓަރުން ގެންދަނީ ތަހުގީގު އަވަސްކޮށް އޭގައި ހިމެނޭ އެންމެން ހޯދުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ކޮވިޑް

  ކޮބާ ކޮބާ މިހާރު އަހަރެމެން ދިވެހިންނަށް އެނގެން ވެއްޖެދޯ މިވާގޮތް؟ މި ވަމުންދާ ގޮތް؟ އަދި ވެސް ހަމަ ޓްއިޓް ކޮށްލަ މިހެން ތިބެން ވީތަ ދިވެހިން ހެޔޮނުވާނެ ކޮންމެވެސް އެއްޗެއް ވިސްނެން ވެއްޖެއްނު ހެޔޮނުވާނެ.

  13
 2. އަހްމަދް

  އެލެ ކުސް ކަލޭ މާ ރައްޔިތުންނަށްހެޔޮ ކަމަށް ހެދުނަސްވަގުތުވަނީގޮސްނިމިފަ؟

  39
 3. ޑައެލޯގް

  ތިއީ އަންނި ރައްޔިތުންގެ ތާއިދުހޯދަން ސީޕީހަމީދުލައްވާ ބަސްބުނުވާފަ އެލެކްސް ހަމީދުގޯސްކޮށްފަ ކުޅުވާ ޑްރާމާއެކެވެ.

  45
  2
 4. ޙިމާ

  .މިފަހަރު އެލެސްގެ ނިންމުންވަރައްރަގަޅު

  17
 5. ގައުމީ ލޯބި

  އެލެކްސް ގެ ނަމުގައި ޓްވީޓް ކުރަނީ އަސްލު މީހާގެ ނަމުގައި ވާހަކަ ދައްކަން ނުކެރޭތީ ؟

  ހާދަ ފިނޑި ގޮލެޔަކޭ މި އަންނިޔަކީ.. ކީއްވެ ބުނަން ބޭނުންވާ ވާހަކަ ފޮރުވިގެން ހުރެ އެހެން ނަމަެއްގައި ފާޅުކުރަނީ..

  ވަރަށް ފިނޑި ކަޑަގޮލެއް.. ބިރުވެސް ގަނޭ.. ގާނޫނަށް ބޯލެބުމެއް ނުވޭ..

  24
  2
 6. ކޮސްލެކްސް

  އަނެއް ދިވެހި ރާއްޖޭގެ މީހުން އުޅެން އަލެކްސް ތަސައްވަރު ކުރާމިންވަރު އެބަ ފެނޭ އަލެކްސް ގެ ޓްވީޓާ ޕްރޮފައިލް ފޮޓޯއިން ވެސް. ޕަކާސް ލޮލް 🤣

  16
 7. ފާރިސް

  ހަމަ އަންނި ޕީޖީ ކަެިރީ ބުނިކަމައްވޭ އެމް އެމް ޕޒި އާރުސީ މައްސަލައި ކޮޅެއް ގައި ޖައްސަން ދެން ކޮންމެވެސް ސިވިލްސާވަންޓަކަށް ނަމަވެސް ދައުވާކޮއްލާފަ މިކަންތައްނިންމާލާށޭ.ރައްޔިތުންގެ ލޮލުގައި ކޮންމެވެސް އަނދުނެއް އަޅުވަން ވެއްޖޭމިހާރު.

  11
  1
 8. ރަން ރީނދޫ

  މީހުންނަށް މިހާރު އެނގޭ މި ވެރިންގެ ޑްރާމާ.

  19
  1
 9. ޝިޔާން

  ޑުރާމާސެޓް

 10. އައްޔު

  ވަގުތުން ޓްވިޓާ ބަލާލިންތޯ؟ރައީސް ނަޝީދުގެ ނުރަސްމީ އެކައުންޓް ކަމަށް ބުނާ "އެލެކްސް އަހްމަދު" އެކައުންޓުން އެމަނިކުފާނު އަމިއްލައަށް ބުނީ ތިމަންމަނިކުފާނަށް ދިންހަމަލާއޭ އެއީ އެލެކްސް އަށްތޯ ނުވަތަ ރައީސް ނަޝީދަށްތޯ ދެމީހުންނަށްވިޔަސް ރައީސް ނަޝީދުގެ އެކައުންޓަކަށް ނުވާނެ ގޮތެއް ނެތް އެހެންވީމާ އެކައުންޓްކަމަށްބުނާގެ ބަދަލުގައި އެމަނިކުފާނުގެ ނުރަސްމީ އެކައުންޓުން މިގޮތަށް ލިޔުން ރަނގަޅުވާނެ