2015 ވަނަ އަހަރު މުލީއާގެ ކައިރިން ފެނުނު އައިއީޑީއަކީ "ކުޅޭކުޅޭ ބޮމެއް" ކަމަށް ނިންމައި އެ މައްސަލާގައި ހައްޔަރު ކުރި ދެ މީހުންނަށް ކުރި ހުކުމް ބާތިލްކޮށްފިއެވެ.

ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި ހާދިސާއަށްފަހު އެ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި މުލީއާގޭ ކައިރިން ވަނީ އައިއީޑީއެއް ފެނިފައެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ ހަތަރު މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފައިވެއެވެ.

އައިއީޑީ ބޭއްވިކަން ސާބިތުވި ކަމަށް ކަނޑައަޅައި ކުރި ހުކުމުގައި ވަނީ އެކަކު 20 އަހަރަށް އަދި ދެން ތިބި ތިން މީހަކު 17 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައެވެ. ކްރިމިނަލް ކޯޓުން އެ ހުކުމް ކޮށްފައި ވަނީ ޖޫން 2016 ގައެވެ.

މި މައްސަލާގައި ހުކުމްކުރީ ހއ. ހޯރަފުށީ އާރޯ، އަހުމަދު މަމްދޫހު އާއި މ. ހީރޯ، މުހައްމަދު އުބައިދު އިބްރާހިމާއި ތ. ތިމަރަފުށީ ވިލާ، އަހުމަދު ޒިހާންގެ އިތުރުން ހ. މިޓާޒް، ތަލްއަތު މުހައްމަދުގެ މައްޗަށެވެ.

ތަލްއަތަށާއި މަމްދޫހުއަށް ކޮށްފައި ވަނީ ދާދި އެއް ދައުވާތަކެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާއެވެ. ނަމަވެސް ކުށަަށް އިންކާރުކޮށް ދިފާއުގައި ހެކި ހުށަހެޅުމުން އިސްތިއުނާފްގެ މަރުހަލާގައި މަމްދޫހު ސަލާމަތްވިއެވެ.

މިއަދު ސުޕްރިމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި ވަނީ ތަލްއަތަށް ވެސް ދަށުކޯޓުގައި ކުރި ހުކުމް ބާތިލް ކޮށްފައެވެ. އަދި އެ ބޮމަކީ އަކީ އަސްލެއްކަން ކަމާއި ބެހޭ މާހިރުންނަށް ސާބިތު ނުކޮށްދެވުނު ކަން ސްޕްރިމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ޝަރިއްޔަތުގެ އިބްތިދާއީ އަޑުއެހުމުގައި ތައްލަތު ވަނީ މުލިޔާގެ ކައިރީގައި ބާއްވާފައި އޮތީ "ކުޅޭ ކުޅޭ ބޮމެއް ކަމަށް" ބުނެފައެވެ. ދަށު ކޯޓުގައިވެސް އޭނާ އެގެން ބުނެފައިވެއެވެ. ނަމަވެސް ސިފައިންގެ ތެރެއިން ކަމުގެ ތަޖުރިބާ ހުރި ބޭފުޅުން ހާޒިރުކޮށް ނެގި ބަޔާންތަކަށް ފަހު ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އެއީ އަސްލު އެއްޗެއް ކަމަށެވެ. އަދި އެއީ ގޮވުމުގެ ގާބިލްކަން ހުރި އެއްޗެއް ކަމަށެވެ.

ސުޕްރިމް ކޯޓުން ކޮށްފައިވާ ހުކުމްގައި ވަނީ ތަލްއަތު ކުރަން އުޅުނު ކަމަކީ އާންމުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމެއް ކަމުގައި ބެލެވޭނީ އައިއީޑީ ކަމަށް ބުނާ ބޮމަކީ އަސްލު އެއްޗަކަށް ވެގެން ކަމަށެވެ. އެހެންނަމަވެސް ސްޕްރިމް ކޯޓުން ނިންމީ މުލިއާގެ ކައިރިން ފެނުނު ބޮމަކީ އަސްލު އެއްޗެއް ކަން ސާބިތު ނުކޮށްދެވުނު ކަމަށެވެ.

ދަށު ކޯޓާއި ހައި ކޯޓުން ވެސް، އެއީ ގޮވުމުގެ ގާބިލްކަން ހުރި އަސްލު އައިއީޑީއެއް ކަމަށް ނިންމާފައި ވަނީ ކަމާއި ބެހޭ މާހިރުންގެ ހެކި ބަހަށް ރިޔާއަތް ކޮށެވެ. ނަމަވެސް ސުޕްރިމް ކޯޓުގެ ނިންމުމުގައި ވަނީ އެ މީހުންގެ ހެކި ބަސް ޝަރީއަތަށް ބަލައިގަތުމުގައި ބަލަންޖެހޭ ކަންކަން ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޢިޔާބު

  އޭރުގެ ބަތްކައްކާ ކުޅުން ވެސް މިއަށްވުރެ ރަގަޅު

  4
  1
 2. ޚާލިދު އިބްރާހިމް

  ވަރަށް މޮޅު ތިއީ ސަދޫމްގެ އިންސާފް. ރައީސް ޔާމީން އަވަހާރަކޮއްލަން ކުރި ހުރިހާކަމެއް ނުވާކަންކަމަށް ހައްދަވަނީ ނޫންތޯ؟ ﷲ ގެ އިރާދަފުޅުން ތިކަންކަން ބެލޭނެ ދުވަސް ވަނީ ދުރެއްގަ އެއްނޫން.

  9
  1
 3. ޚާރު

  ތިމީހުންނަށް ލިބުނު ގެއްލުމަށް ބަދަލު ވެސް ދޭން ވާނެ...

  3
  5
  • އަހްމަދު

   ސަމާސާ އަކަށްވެސް އެފަދަ ކަމެއް ކުރުމުން މީހުންގެ ހިތުގަ ބިރުވެރިކަން އުފެދުން އެއީވެސް ބަލައިލަންވާނެ ކަމެއް

 4. ނަައީމް

  މިގައުމުގެ ކުރިމަގު ރައްޔިތުން ވިސްނާލާ ދެންވާނެ ގޮތް މިސަރުކާރަކައް އެ އަސްލަކައްނުވާނަމަ ދެން އަންނަ ސަރުކާރަކައް މިވެސް އަސްލަކައްނުވާނެ މިފެންނަނީ ގައުމުގެ ހާލަތު ބިރުވެރިކަން އިތުރައް ބޮޑުވުންނޫންކަމެއްނެތް ބޮޑުން ސެކުރިޓީ ވަރުގަދަކުރާނެ ރައްޔިތުން ހަނާވާނީ މީވާ ސަރުކާރެއް

 5. ޓޯއީ ސްޓޯރީ

  ޢަސްލެއްތޯ ބަލަން ގާޒީ މޭޒުމަތީގަ ތި އެތި ބާއްވާފަ ރިމޯޓަށް ފިތާލި ނަމަ ހުކުމް ކުރެވޭނެކަމަށް ލަފާކުރެވޭ. ނޫނީ އަމިއްލަ އެތި ގާޒީ މޭޒުމައްޗަށްލާފަ ކުޅޭކުޅޭ އެއްޗެއްތޯ އަހާލި ނަަމަވެސް ރަނގަޅުވާނެ