ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ޒުވާނުންގެ އަދަދު 24،000 އަރާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސު ހިސާބުތަކުން ދައްކައިފިއެވެ.

އިންތިހާބުގައި އަލަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ޒުވާނުންގެ ޖުމްލަ އަދަދަކީ 24،018 އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލީ ޒުވާނުންގެ އަދަދަކީ 30،913 އެވެ. އެހެންކަމުން މިފަހަރު އަލަށް ވޯޓުލާ ޒުވާނުންގެ ނިސްބަތް ވަނީ 32 އިންސައްތަ އަށް ދަށްވެފައެވެ.

މިފަހަރު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 9 އިންސައްތަ އިތުރުވެފައިވާއިރު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 263,183 މީހުންނަށެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 239،165 އެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާރު އަންނަނީ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުންނެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކާ އެކު ވެސް އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.

އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން ނަގަން އުޅޭ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އިލެކްޝަނުން ނިންމާފައި ވަނީ، މިހާތަނަށް ބޭއްވި އެހެން އިންތިހާބުތަކެކޭ އެއްގޮތަށް ވޯޓު ކަރުދާސް ބޭނުންކޮށްގެން ރިޔާސީ އިންތިހާބު ބާއްވާށެވެ.

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އިންތިހާބު ބާއްވާއިރު، އިންތިހާބަށް ކުރިމަތިލާން އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.