އެންވަޔަރަމެންޓް މިނިސްޓްރީއާ، ޓެކޮނޮލޮޖީ މިނިސްޓްރީ އެއްކޮށްލުމަށް ފަހު އުފެއްދެފި އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީ އަށް ސްޓޭޓް މިނިސްޓަރަކު މިއަދު އައްޔަނުކޮށްފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓްގެ މަގާމަށް އައްޔަންކޮށްފައިވަނީ ހ.ޔެލޯރޯޒް، މުޙައްމަދު ޝަރީފެވެ.

އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބާމިންހަމްގެ އިލެކްޓްރޯނިކް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިނގް ވިތް މެނޭޖްމަންޓް އިން މާސްޓަރސް އޮފް އިންޖިނިއަރިން ހާސިލްކުރައްވައިގެން ހުންނެވި ޝަރީފް އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަދާކުރައްވަމުން ގެންދެވީ ޓެކޮނޮލޮޖީ މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީގެ މަގާމެވެ.

ޝަރީފަކީ މިދިޔަ އަހަރުން ފެށިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހިންގާ ބޯޑުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޯޑު ތަމްސީލުކުރައްވަމުންދާ ބޭފުޅެކެވެ. އޭގެ އިތުރުން ޝަރީފަކީ ވަރަށް ގިނަ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެންސީއައިޓީގެ ޗީފް އިންފޮމޭޝަން އޮފިސަރުގެ މަގާމާއި ސައިރެކްސް ކޮލެޖުގެ ރެކްޓާގެ މަގާމު ފަދަ މަގާމުތައް ޝަރީފު ވަނީ ފުރުއްވާފައެވެ.

އައިސީޓީ ދާއިރާ ކުރިއެރުވުމުގެ މަގްސަދުގައި މި ސަރުކާރުގައި އަލަށް އުފެއްދެވި ޓެކޮނޮލޮޖީ މިނިސްޓްރީ، އުވާލައްވާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. ދެ މިނިސްޓްރީ އެއްކޮށްލެއްވުމަށް ފަހު ވަޒީރު ކަމަށް އައްޔަން ކުރައްވާފައިވަނީ ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަގާމުގައި ހުންނެވި އައިމިނަތު ޝައުނާއެވެ.