ސޯޝަލް ސެންޓަރުގައި ކޮވިޑް-19 އަށް ސުންކު ނަގަން ހާއްސަ ސެންޓަރެއް ގާއިމްކޮށްފިއެވެ.

މިހާރު މާލެ ސަރަހައްދުގައި ސުންކު ނަގާ ތަންތަނުގައި ކިއުޖެހިފައި ތިބޭ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުުރުވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، މިއަދުން ފެށިގެން ކޮވިޑް ސުންކު ނަގާ ސެންޓަރެއްގެ ގޮތުގައި ސޯށަލް ސެންޓަރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން އެ ސެންޓަރު ކޮންމެ ދުވަހެއްގެ މެންދުރު 13:00 އިން 15:30 އަށް ހުޅުވިފައި ހުންނާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވެފައެވެ.

ކުރިން ސޯޝަލް ސެންޓަރު ބޭނުން ކުރަމުން ގޮސްފައި ވަނީ ހަމައެކަނި ވެކްސިން ސެންޓަރެއްގެ ގޮތުގައެވެ.

މާލެ ސަރަހައްދުގައި އިތުރު ސުންކު ނެގޭ ސެންޓަރެއް ގާއިމްކޮށްފައި ވަނީ އެ ސަރަހައްދުގައި ކޮންމެ ދުވަހަކުވެސް ކޮވިޑަށް ފައްސިވާ އަދަދުތައް އިތުރުވަމުން އަންނާތީއެވެ،

އެގޮތުން ފަހަކަށް އައައިސް މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކުވެސް ކޮވިޑަށް ފައްސިވާ އަދަދުތައް އުޅެނީ 1000 އިން މަތީގައެވެ. އަދި މާލެ ސަރަހައްދުގައި ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު