ކޮވިޑް-19 ޖެހިގެން މިއަދު 4 ވަނަ މީހަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 79 އަހަރުގެ އަންހެނެކެވެ. އެ މީހާ ނިޔާވެފައި ވަނީ މިރޭ 6:40 ހާއިރު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)އިން ވިދާޅުވިއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 127 އަށް އަރާފައެވެ.

މިއަދު ނިޔާވި މީހުންގެ ތެރެއިން ތިން މީހުން ނިޔާވެފައި ވަނީ ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.

މި މަހުގެ މިހާތަނަށް 54 މީހަކު ބަލީގައި ވަނީ ނިޔާވެފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު، އެ ބައްޔަށް ފައްސިވާ އަދަދުތައްވެސް ދަނީ ހިފެހެއްޓުމެއް ނެތި މައްޗަށެވެ.

މި މަހަކީ ރާއްޖެއިން ކޮވިޑް ބަލީގައި ގިނަބަޔަކު ނިޔާވަމުން އަންނަ މަހެކެވެ. އެގޮތުން މި މަހު ބައެއް ދުވަސް ދުވަހު ދުވާލަކަށް ހަތަރު މީހަކުވެސް ނިޔާވާ ދުވަސްތައް ދެއެވެ. އަދި މި މަސް ތެރޭގައި އެއް ދުވަހެއްގެ ތެރޭގައި ހަތް މީހަކު ވަނީ ކޮވިޑް ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢާޗި

    މި ވަހަކަ ދައްކާލާނެ މެންބަރެއް ވެސް ނެތް.. އަންނިގެ ވާހަކަޔާ ފަލަސްތީން ވާހަކަ ވެސް ދައްކަންޖެހޭ. އެކަމަކު ދިވެހިން މިވަރް ފަރުވާއެއް ނުލިބި މަރުވަމުންދާ ވާހަކަ ނުދައްކަނީ ކީއްވެ.. އެހި ހޯދަން ނޫޅެނީ ކީއްވެ..ކޮބާ ރައީސް .. ކީރިތި ނުކުރައްވަނީ ކީއްވެ..އަހަރެމެން ގެ ރުއިމުގެ އަޑު ނުއިވެނީ ކީއްވެ.