ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރިޔާސީ ގަނޑުވަރު މުލީއާގޭގެ ވަށައިގެންވާ ސަރަހައްދުގައި މިހާރު ހުންނަ ކާނުތައް މަދުކުރުމަށް އެމްއެންޑީއެފް އިން އެދުމުން މާލޭ ސިޓީ ކައުންސިލުން ރޭ އެމަސައްކަތް ފަށައިފިއެވެ.

މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް ވިދާޅުވީ، ކާނުތައް މަދުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ކަމަށެވެ.

އޭނާ "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސްގެ ސެކިއުރިޓީގެ ބޭނުމަށް ކާނުތައް މަދުކުރި ނަމަވެސް ހުރިހާ ކާނެއް ނުނަގާނެ ކަމަށެވެ.

"ސެކިއުރިޓީއާ ގުޅޭ ކަންކަމަށް ވާތީ އަޅުގަނޑުމެން މިކަމުގައި އިތުރު މަޝްވަރާތަކެއް ނުކުރަން. ވަގުތު ނަގާލުމުގެ ބަދަލުގައި އަވަހަށް މަސައްކަތް މިފެށީ. ބޮން ގޮއްވައިލުމާ ގުޅިގެން ސެކިއުރިޓީ ހަރުދަނާ ކުރަން އެމްއެންޑީއެފުން އެދޭ ކަންކަން އަޅުގަނޑުމެން މިދަނީ ކޮށްދެމުން. އެމްއެންޑީއެފަށް އެއްބާރުލުން ދެމުން،" ނަރީޝް ވިދާޅުވިއެވެ.

މިމަހުގެ 06 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން މާލޭގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރުގަދަ ކޮށްފައެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނީވެސް އެމަނިކުފާނުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ހުރި ސައިކަލްތައް ނަގަން އެމްއެންޑީއެފް އިން ސިޓީ ކައުންސިލްގައި އެދުނުތާ އެތައް ދުވަހެއް ފަހުންނެވެ. ހަމަލާ ދިނުމުން ސިޓީ ކައުންސިލުން ބުނީ އެސަރަހައްދުގައި ޕާކް ކުރުން މަނާ ނުކުރެވި އޮތީ ބިއްލޫރިޖެހިގޭ ގޯތީގައި ޕާކިން ޒޯނެއް ހެދުމުގެ ހުއްދަ ހައުސިން މިނިސްޓްރީން ނުދެއްވައިގެން ކަމަށެވެ.