ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ދައުވާތައް ބޭރުކޮށްލި ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ފަނޑިޔާރު ކަމުން ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޖޭއެސްސީއިން ފޮނުވާފައިވާ މައްސަލަ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އިއްވައިދެއްވިއެވެ. އެއަށް ފަހު، މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް އިއުލާން ކުރައްވައިފައެވެ.

މި މައްސަލަ ދިރާސާ ކުރުމުގައި ޖުޑިޝަރީ ކޮމިޓީގެ މެންޑޭޓަކީ ވަކި ކުރުމުގެ ނިންމުން ނިންމުމުގައި ޖޭއެސްސީން އަމަލު ކުރަން ޖެހޭ އިޖުރާއަތްތައް ކުރިއަށް ގެންގޮސްފައިވޭތޯ ނުވަތަ ނުވޭތޯ ބެލުމެވެ.

އަދީބާއެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހަދައި، އޭނާގެ މައްޗަށް މަނީ ލޯންޑަރިން ހިމެނޭ ގޮތަށް ހަތް ދައުވާއެއް އުފުލިއެވެ. މި މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވީ ގާޒީ އިސްމާއީލް ރަޝީދެވެ. އަދީބުގެ މައްޗަށް އުފުލި ދައުވާ އިއްވަން ވެސް ފުރުސަތު ނުދެއްވައި، ކޯޓުން މައްސަލަތައް ބޭރުކޮށްލިއެވެ.

މައްސަލަތައް ބޭރުކޮށްލީ، އާދީބާއެކު ވެފައިވާ އިއުތިރާފް އެއްބަސްވުމަކީ ގާނޫނު ދަންނަ އެއްޗެއް ނޫން ކަމާއި، އެ އެއްބަސްވުން އެކުލަވާލުމުގައި އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިިޝާމް އަމަލު ކުރެއްވީ ގާނޫނީ އިމުން ބޭރުން ކަމާއި އަދީބަށް ޓޯޗާކޮށް ނުފޫޒު ފޯރުވާފައިވާ ކަމަށް ވިދާޅުވެއެވެ. މި ގޮތަށް ނިންމީ އަދީބާއި ދައުލަތާ ވެސް އެއްވެސް ސުވާލު ކުރެއްވުމެއް ނެތިއެވެ.

ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެ ބޮޑު ޚިޔާނާތުގެ މޭސްތެރިޔާ ކަމަށް އެއްބަސްވެވަޑައިގެންފައިވާ އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބޭރުކޮށްލުމުން، އެ އަމުރުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ.

ހިޔާނާތުގެ ދައުވާތައް ބޭރުކޮށް، އެ މައްސަލާގައި ދެން އިތުރަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި، ގާޒީ އިސްމާއިލް ރަޝީދު ނެރުއްވި އެ އަމުރުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ފަހު ޖޭއެސްސީއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ތަހުގީގުތަކުން އެ ކޮމިޝަނުން ހޯދި ހޯދުމުން މިދިޔަ އަހަރުގެ ޖުލައި މަހު ނެރުނު އެ ހުކުމް ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ލިޔެ ރައްކާކޮށްފައެވެ.

މި ގޮތުން ޕެން ޑްރައިވެއްގައި "އިޖުރާއީ ގޮތުން ނިންމާ ނިންމުން" މި ސުރުޚީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުމުގައިވާ ނުކުތާތަކާއި ހުކުމުގައިވާ ނުކުތާތަކަކީ ގާޒީ އިއްވި ހުކުމުގައިވާ ނުކުތާތައް ކަން ޖޭއެސްސީއިން ފާހަގަކުރެއެވެ. މި ލިޔުން ތައްޔާރުކޮށް ސޭވް ކޮށްފައިވާ ފައިލްގެ ނަމަކީ trip finale v2 އެވެ. މި ފައިލް ސޭވްކޮށްފައިވާ ތާރީޚަކީ ފެބްރުއަރީ 22، 2020 އެވެ.

ގާޒީ އިސްމާއިލް ރަޝީދު ބޭނުން ކުރައްވާ ކޮމްޕިއުޓާ ސިސްޓަމެއް ކޯޓުގައި ހުންނައިރު ކޯޓުގައި ހިންގާ ގަޒިއްޔާތަކެއްގެ ލިޔެކިއުންތައް ޕެންޑްރައިވެއްގައި ގެންގުޅުމާއި އަދި ވަކި ގަޒިއްޔާތަކެއްގެ ލިޔެކިއުން އެކަނި އެ ޕެންޑްރައިވްގައި ހުރުމާއި، ގަޒިއްޔާތަކެއްގެ ދައުވާ ހުށަހެޅުމާ ހަމައަށް ވެސް ނުދަނީސް އެ ގަޒިއްޔާތައް ނިންމާނެ ގޮތުގެ ފައިލް އެ ޕެންޑްރައިވްގައި ތައްޔާރުވަމުން ދިއުމުން ފަނޑިޔާރުގެ އަމަލުތަކާ މެދު ސުވާލު އުފެދޭ ކަން ޖޭއެސްސީން ފާހަގަކުރެއެވެ.

މި މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން ހައި ކޯޓުން ވެސް ވަނީ ގާޒީ ރަޝީދު އަމަލުކޮށްފައި ވަނީ ގޯހުން ކަމަށް ކަނޑައަޅައިފައެވެ. އަދި އަލުން ކްރިމިނަލް ކޯޓުގައި ދައުވާތައް ބަލަން ހައި ކޯޓުން އެންގުމުން، ޝަރީއަތުގައި އަދީބު ވަނީ ދައުވާތަކަށް އިއުތިރާފްވެވަޑައިގެންފައެވެ. އެއާއެކު އަވަސް ނިޔާގެ ދަށުން އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދީބު މިހާރު ހުންނެވީ ގޭބަންދުގައެވެ.

ގާޒީ އިސްމާއީލް ރަޝީދު ފަނޑިޔާރު ކަމުން ވަކި ކުރަން މަޖިލީހަށް ހުށަހަޅާފައިވާއިރު، ފަނޑިޔާރަކު މަގާމުން ވަކި ކުރަން އޮންނަ އިޖުރާއަތަކީ ޖޭއެސްސީން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ފަހު މަޖިލީހަށް ފޮނުވައިގެން މަޖިލީހުން އެ ފަނޑިޔާރަކު ވަކި ކުރަން ފާސްކުރުމެވެ.

މި ގޮތަށް ފަނޑިޔާރަކު ފުރަތަމަ ފަހަރަށް ވަކި ކޮށްފައި ވަނީ ވެސް މިހާރު އެމްޑީޕީގެ މެޖޯރިޓީއެއް އޮތް ޖޭއެސްސީން ހުށަހަޅައިގެން، އެމްޑީޕީެގ ސުޕަ މެޖޯރިޓީ އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައެވެ. އޭގެ ފަހުން މިހާތަނަށް ގިނަ އަދަދެއްގެ ފަނޑިޔާރުން ވަނީ މި ގޮތަށް ވަކިކޮށްފައެވެ.