ކޮވިޑް-19 ބަލީގައި ފަރުވާ ދެނިކޮށް ރާއްޖޭގެ ކުރީގެ އޮޑިޓާ ޖެނެރަލް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިސްމާއީލް ފަތުހީ އަވަހާރަވުމާ ގުޅިގެން އޭނާގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ ފަރާތުން ފަތުހީއަށް ތަހުނިޔާ ވިދާޅުވާ ކަމަށެވެ. އަދި މަޖިލީހުގައި ފަތުހީގެ ހަނދާނުގައި ސުކޫންތެއް ގެނައެވެ.

1993 އިން 2008 އަށް އޮޑިޓަ ޖެނެރަލްގެ މަގާމު ފުރުއްވި ފަތުހީ ވަނީ ސަރުކާރަށް 46 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައެވެ.

ކުރީގެ އޮޑިޓަރ ޖެނެރަލް ފަތުހީ، ރައީސް ވަހީދާއެކު

ޅ. ނައިފަރަށް އުފަން ފަތުހީ ވަނީ ފިނޭންސްގެ ސްޓޭޓް މިނިސްޓަރު ކަމާއި ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ޑިރެކްޓަރު ކަމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ވައިސް ގަވަރުނަރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރައްވައިފައެވެ.

އިންޑިއާގެ ބޮމްބޭ ޔުނިވާސިޓީން 1969 ވަނަ އަހަރު ކޮމާސް ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވި ފަތުހީ އަކީ އެ ދާއިރާ އިން ޑިގްރީއެއް ނެންގެވި ފުރަތަމަ ދިވެއްސެވެ.

ފަތުހީއަށް ދިވެހި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތް ކަމުގައިވާ ނިޝާން އިއްޒުއްދީންގެ ލަގަބު ދެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2013 ގައެވެ.

މީގެ އިތުރުން ފަތުހީއަށް އޮޑިޓް އޮފީހުން ވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ރާއްޖޭގެ އެކައުންޓިން ދާއިރާގެ ބައްޕަގެ ލަގަބް، 2019 ވަނަ އަހަރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އިންސާނާ މަރުވީމަ ވެސް ތަހުނިޔާތަ ކިޔަނީ ، އީވާމީ ކޮންކަހަލަ ބުރާންޗެއްބާ ...

  2. ކަބީރު

    މަރުވެގެންދިޔަ މީހެއްގެ ހަނދާން އައުކުރުމަށްކަމަށްބުނެ ސުކޫތުގައި ތިބުމަކީ ބިދުޢައެއް!

    3
    1
  3. ކިޔުންތެރިއެއް

    ތަހުނިޔާއޭ؟ މަރުވީމަ އެކަމާ ތަހުނިޔާތަ ކިޔަންވީ؟