ހުޅުމާލޭގައި މިމަހުގެ 20 ވަނަ ދުވަހުގެ ރޭ އިމާރާތެއްގައި މަތިން މީހަކު ވެއްޓުމުގައި އިތުރު މީހެއްގެ ދައުރެއް އޮތްކަން ތަހްގީގަށް އެދި މިހާތަނަށް ފާހަގަ ކުރެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެހާދިސާގެ ތަފްސީލް ފުރަތަމަ ފަހަރަށް ހާމަ ކުރައްވަމުން ފުލުހުން ވިދާޅުވީ ތަހްގީގުގައި މިހާތަނަށް ކުރެވުނު މަސައްކަތުން ހާދިސާ ހިނގުމުގެ 10 މިނެޓްހާއިރު ކުރިން ހަބުރީގެ އިމާރާތަކަށް އެކަނި ގޮސް އޭނާ ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށެވެ.

އިތުރަށް ތަހްގީގަށް ފާހަގަ ކުރެވިފައިވާ ގޮތުގައި އޭނާ ވެއްޓިފައި ވަނީ ހަބުރީގެ އިމާރާތުން ޖެހިގެން ހުރި ތިން ބުރީގެ އިމާރާތުގެ ޓެރަސް މައްޗަށް ކަމަށް ބެލެވޭ ކަމަށާއި އަދި ތިރިއަށް ވެއްޓިފައި ވަނީ އެތިން ބުރީގެ އިމާރާތުގެ މަތިން ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އިމާރާތުން ވެއްޓުނު މީހާ އިމާރާތުން ވެއްޓުމުގެ ކުރިން ހުޅުމާލޭ މަގުތަކުގައި އަޑުގަދަކޮށް އެކަނި ކޮޅުކޮޅަށް ދުނެ އުޅެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެކަން ސީސީޓީވީ ފުޓޭޖުންނާއި މަންޒަރުދުއް މީހުންގެ ބަހުން ވެސް އެނގޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިމާރާތުން ވެއްޓުނު މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަން އާއްމުވެފައިވާ ފޮޓޯތަކުން އެނގެއެވެ. ނަމަވެސް އޭނާގެ ހާލަތާއި ގުޅޭ ގޮތުން އޭނާ އަށް ފަރުވާ ދެމުން ގެންދާ އައިޖީއެމްއެޗް އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.