މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގައި ޝާމިލްވި ކަމަށް ތުހުމަތުކުރެވޭ ބޭފުޅުންގެ އާ ލިސްޓެއް 2024 ގައި ނުކުންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު މެނޭޖް ނުކުރެވި އަތޮޅުތަކުގެ އިންތިޒާމު ދަށްކަމުން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން މިއަދު މަޖިލީހުގެ ޖަލްސާއަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. މި މައްސަލަ ހުށަހަލާފައިވަނީ ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއެވެ.

މި މައްސަލައަށް ބަހުސްކުރައްވަމުން އާދަމް ޝަރީފް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ވާހަކައަށް ގޮސްފައި ވަނީ ކޮވިޑް-19 މި ދަނޑިވަޅުގައި ހިނގާދިޔަ ކޮރަޕްޝަންގެ އަމަލުތަކުގެ ވާހަކަ ދައްކަމުންނެވެ. އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އަދުލުވެރިކަމާއި އެކު ތަހުގީގުކުރެވިގެން މެނުވީ ރާއްޖޭގައި އިންސާފް ގާއިމްނުކުރެވިގެން ނުދާނެއެވެ.

އާދަމް ޝަރީފް ވިދާޅުވީ މި ހިޔާނާތުގެ މޭސްތިރިއަކަށް ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން 19 މިލިއަން ރުފިޔާ ބަލާ ދިޔަ ފަރާތާއި އެތަނުގައި އެވަގުތު ތިބި ކުރީ ސަރުކާރުގެ ދެ ވަޒީރުންގެ ނަންތަކާއެކު 2024 ވަނަ އަހަރު އާ ލިސްޓެއް އާންމުކުރައްވާނެ ކަމަށެވެ. އަދި އެ ފައިސާ ބަލާދިޔަ މަޖިލީސް މެމްބަރުންގެ ނަންތައްވެސް އެ ލިސްޓުން ހާމަވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.

"2024 ގައި އެމްއެމްޕީއާރުސީގެ ދެވަނަ ލިސްޓެއް ނުކުންނާނެ. އެ ލިސްޓުގައި 19 މިލިއަން ރުފިޔާ އަހްމަދު އަދީބުގެ ގެއިން ބަލާ ދިޔަ ފަރާތާއި، އެތަނުގައި ތިބި އޭރުގެ ސަރުކާރުގެ ދެ ވަޒީރުންނާއި، މަޖިލީސް މެމްބަރުންވެސް ތިއްބަވާނެ. އެ ބޭފުޅުން އަދި އެވާހަކަތައް ދައްކަވާނެ. 2024 ގައި މި ލިސްޓު ނިކުމެގެން ސައްހަ ގޮތެއއްގައި މަސައްކަތް ކުރެވިގެން ނޫނީއާ އިންސާފްވެސް ލިބޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން" އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މޭސްތެރިޔަކަށް ހުންނެވި ކަމަށް އެއްބަސްވެވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ސިޔާސީ ޕާޓީތަކަށާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނަށާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުންނަށާއި ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް އޭނާ ދީފައިވާނެއެވެ.

މި މައްސަލަ ތަހުގީގުކުރުމަށްފަހު އެސެޓް ރީކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓެއް މަޖިލީހުން ވަނީ އާންމުކޮށްފައެވެ. އެލިސްޓުގައި ކުރީ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި 12 ވަޒީރަކާއި މި ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރެއްގެ ނަން އޮތެވެ. އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ 38 މެމްބަރަކާއި މިހާރުގެ 16 މެމްބަރެއްގެ ނަންވެސް އޮތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ނަމާއި، އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ނަމްވެސް ހިމެނިފައިވެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ފަޅުތަކާއި ފަޅު ރަށްތަކުން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ސޯލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށް ޓަކައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނެއް ވެސް އެކުލަވާލާފައިވެއެވެ. އެކަމަކު މައްސަލަ ބެލުން ވަރަށް ބޮޑަށް އަދިވެސް އޮތީ ލަސްކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮކި

    2024 ވަނަ އަހަރު ނެރޭ ލިސްޓުގައި ޕިންކީ ކްލަސްޓާ އެކަނި ނޯންނާނީ........

    1
    3
  2. Anonymous

    ހަގީގީ ލިސްޓު މިހާރު އެވަނީ ނެރެފައިﷲ އިރާދަ ކުރެއްވީޔާ ތިވަގުބައިގަޑަށް ދެން ވެރިކަމަށްކަށް ނާދެ ވޭނެ ލިސްޓު ނެރޭކަށް