ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުން ދީފައިވާ ނަމަކީ ޔަސް ކަމަށެވެ.

އަދި މި ތޫފާން ދަތުރު ކުރަމުން ދާނީ އުތުރުހުޅަނގުއުތުރަށް ރައްޖެއާއި ދުރަށް ކަަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

"މި ތޫފާންގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ".

އެހެން ނަމަވެސް ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން ރާއްޖޭގެ ސަރަހައްދުގައި ކުރިއަށް އޮތް ދެ ދުވަހުވެސް ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

އަދި އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

"އެންމެހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަން". މެޓް އޮފީހުން ކުރި އިލްތިމާސްގައި ވެއެވެ.