ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް އިއުލާނު ކުރެވުނު ލޯން ސްކީމްގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކޮށްފިއެވެ.

ލޯނު ލިބުނު ދަރިވަރުން ނަތީޖަ އިއުލާން ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ. މިފަހަރު 417 ދަރިވަރަކަށް ވަނީ ލޯނުގެ ފުރުސަތު ލިބިފައެވެ.

ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކެޓެގަރީން އެޕްލިކޭޝަން ހުށަހަޅާ، ޝަރުތު ފުރިހަމަވި އެމްބީބީއެސް އަށް އަދި ޕައިލެޓް ލައިސަންސް އަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމައިފައިވާ ކަމަށެވެ. އެގޮތުން އެމްބީބީއެސް ކިޔަވަމުންދާ 65 ދަރިވަރަކަށް ފުރުސަތު ލިބފައިވާއިރު ޕައިލެޓް ލައިސަންސްއަށް ކިޔަވަމުންދާ 16 ދަރިވަރަކަށްވެސް ވަނީ ލޯނު ލިބިފައެވެ.

މިނިސްޓްރީން ވިދާޅުވީ މިކެޓަގަރީން ޕޮއިންޓް ދިނުމުގައި ބަލާފައިވާނީ ކިޔަވަމުންދާ ކޯސް ނިންމުމަށް އެންމެ ކުރު މުއްދަތެއް އޮތް ފަރާތްތަކަށާއި ފިތުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް އަދި އެކަޑަމިކް މެރިޓް ސްކޯރއިން އެއްމެ މަތިން ސްކޯ ކުރާ ފަރާތްތަކަށް ކަމަށެވެ.

މަތީ ތައުލީމުގެ ލޯނު ލިބުނު ދަރިވަރުން އިއުލާންކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެގެ ތެރެއިން

މިފަހަރުގެ ލޯން ސްކީމްގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ފުރުސަތު ހުޅުވާލިއެވެ. އަދި ލޯނު އެހީގެ ދަށުން ތައުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ގައުމަކަށްވެސް ދިއުމުގެ ފުރުސަތު މިނިސްޓްރީން ވަނީ ފަހި ކޮށްދީފައެވެ. އެގޮތުން ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ހަރަދެއް އެއްކޮށް ދޭނީ އިއުލާންކޮށްފައިވާ ގައުމުތަކަށެވެ. އެނޫން ގައުމެއްގައި ކިޔެވުމަށް ލޯނުދޭނީ އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން ދަރިވަރު އިހްތިޔާރުކުރާ ގައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.

ލޯނު ސްކީމަށް ޖުމްލަ 137،608،931 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.

ނަތިޖާ އާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ނުވަތަ ކަމެއް އޮޅުންފިލުއްވުމަށް ދެވިފައިވާ ސުންގަޑިއަކީ ޖޫން މަހުގެ އެއްވަނަ ދުވަހުގެ 14:00 އެވެ. އަދި ދާއިމީ ނަތީޖާ، އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. ވަގުތީ ނަތީޖާގެ މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެއެވެ. މީހުން ބިނާކުރުމަށް އެހެން އެއްވެސް ސަރުކާރަކުން ނުކުރާވަރުގެ ހޭދައެއް މި ސަރުކާރުން ކުރެއެވެ.