ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލައިގެ ތަހުގީގުގެ ތެރެއިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ މައްސަލައެއް ފާހަގަވެއްޖެނަމަ މިނިސްޓަރު ޖަވާބުދާރީ ކުރުވާނެ ކަމަށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

241 ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވަނީ އެ ކޮމިޓީއިން ކުރިއަށް ގެންދާ އިންކުއަރީއާ ގުޅޭ ގޮތުން މައުލޫމާތުތަކެއް ޚިއްސާ ކުރައްވައިފައެވެ. މި ގޮތުން ތަޖުރިބާކާރުންނާއި ބޭރުގެ ފަންނީ މާހިރުންގެ އެހީތެރިކަން ހޯދަމުންދާ ކަން ފާހަގަކުރެއްވިއެވެ. އެންމެ ބޮޑު ކަމަކަށް ބަލަމުން ދަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވި ގޮތަކާ ގުޅޭ ގޮތުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ މިނިސްޓަރު މާރިޔާއަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. މި ގޮތުން ނަޝީދަށް ނުރައްކާ އޮތް ކަން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ފަރާތުން މާރިޔާއަށް މައުލޫމާތު އެރުވުނު ނަމަވެސް އެކަށޭނަ ފިޔަވަޅެއް އެޅިފައި ނުވާތީއާއިި، އެ މައުލޫމާތު ފުލުހުންނާ ޚިއްސާ ކޮށްފައި ނުވުމުން މާރިޔާގެ އިސްތިއުފާއަށް ވެސް ގިނަ ބަޔަކު ގޮވާލަމުން އެބަދެއެވެ.

މި ސުވާލުގެ ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ކޮމިޓީގެ މަސައްކަތް ބިނާވެފައިވަނީ ހަމަލާގެ ތަހުގީގެއް ހިންގުމަށް ވުރެ ބޮޑަށް އެފަދަ ހަމަލާއެއް ކުރިމަތިވި ސަބަބުތައް ދެނެގަތުން ކަމަށް ވާތީ، މާރިޔާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ކޮމިޓީން ބަލަމުން ނުދާ ކަމަށެވެ.

އެހެން ވިޔަސް، ފުލުހުން ކުރަމުންދާ ތަހުގީގުގެ ތެރެއިން މިނިސްޓަރު މާރިޔާގެ މައްސަލައެއް ފާހަގަވެއްޖެނަމަ، 241 ކޮމިޓީއަށާއި މަޖިލީހަށް ލިބިދީފައިވާ ބާރެއްގެ ތެރެއިން މާރިޔާ ވެސް ޖަވާބުދާރީ ކުރުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ތަހުގީގުގެ ތެރެއިން ތިފަދަ މައްސަލައެއް ފެންމަތި ވެއްޖެނަމަ، އެއީ މިނިސްޓަރު މާރިޔާ ދީދީ ކަމުގައި ވިޔަސް، ކޮމިޓީއާއި މަޖިލީހަށް ލިބިދީފައިވާ ބާރުގެ ތެރެއިން އެ ސުވާލު ކުރެވޭނެ. އެ ސުވާލަށް ޖަވާބު ވެސް ހޯދޭނެ." ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް ވިދާޅުވިއެވެ.

މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅު ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ކުރިން މެންބަރު އިލްޔާސް ވަނީ ރައީސް ނަޝީދަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައިވާ ކަން މާރިޔާއަށް ފޯނުން ގުޅުއްވައި އަންގަވައިފައެވެ. އެ ކަން ފުލުހުންނަށް އަންގަވަން އިލްޔާސަށް އެންގެވި ކަމަށް މާރިޔާ ވިދާޅުވާއިރު، އިލްޔާސް ވިދާޅުވަނީ ފުލުހުންނަށް އެ ކަން އަންގަވަން މާރިޔާ އަންގަވާފައިނުވާ ކަމަށެވެ.

ރައީސް ނަޝީދަށް ދެވުނު މި ހަމަލާއާ ގުޅިގެން މިހާތަނަށް ހަރުކަށި ފިކުރާ ގުޅުން ހުރި ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު، މިހާތަނަށް އައި އިރު ހަމަލާ ދިނުމުގައި ފަންޑު ކުރި ގޮތަކާއި ހަމަލާގެ ފަހަތުގައި އިތުރު އެހެން ކަމެއް ހިމެނޭ ކަމެއް ތަހުގީގީ އިދާރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެކަމަކު ނަޝީދުގެ ސެކިއުރިޓީ ބަލިކަށިވުމުން މިނިސްޓަރު މާރިޔާއަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވެގެން އައެވެ.

ނަޝީދުގެ ހަށިކޮޅަށް ވަރަށް ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެން އޭޑީކޭގައި ހަފުތާއެއްހާ ދުވަސް ވަން ދެން ފަރުވާ ދެއްވައި، އޮޕަރޭޝަންތަކެއް ވެސް ކުރެއްވިއެވެ. އިތުރު ފަރުވާއަށް އެމަނިކުފާނު ޖަރުމަން ވިލާތަށް ވަޑައިގެންނެވިއެވެ. އެ ތަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ފަރުވާ ދެއްވުމަށް ފަހު، މިހާރު ވަނީ ދޫކޮށްލައިފައެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ ޖަރުމަނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދުންމާރި

    ކޮން ޖަވާޞުދާރީއެއްކުރުވޭނީ މާރިޔާގެ އިހުމާލު ބޮޑުކަން މުޅިޤައުމުގެ އެންމެންދަނޭ ތިޔަ ކޮމެޓީއަށް ނޭނގުނަކަސް ބަލަ މާރިޔާއަކީ ޤާނޫނު އަސާސީއަށް ފައިންއަރާ ސަލާމަތީ ބާރުތަކަށް ފުރައްސާރަކޯށް މަލާމާތްކޮށް ދޮޅިދަށަށް އަތްބާނާ ހެދުމުން އިނާމަކަށް ޑިފެންސް މިނިސްޓަރުކަން ޕާޓީން ވެދުންކުރި މީހެއް ތިޔަ ޕާޓޫގެ މިނިސްޓަރަކު އިހުމާލެއްނުވާނެ މުޅި ދައުލަތް ފޭލްވެގެން ދާއިތުވެސް ޕާޓީ މީހުނަށް ވަޒީރުކަމާ މަތީފަންތީގެ މަޤާމުތައް ދެވޭތޯ ބަލަނީ އެހެން ޕާޓީއެއްގެ މީހަކު އިސްމަޤާމަކު ހުރިއްޔާ ބަލަނީ އިހުމާލޭ ފޭއްޔޭކިޔާފަވެސް ބޭރުކުރެވޭތޯ ތިމާޟެންގެ ޕާޓީގެ ނާޤާބިލް މީހުން އިސްމަޤާމުތަކަށް ލައިގެން ތިޔަ ގަންނަ ގަނޑު މިފެންނަނީ އެންމެނަށް މުޅިދައުލަތް ފޭލްވީ މުޅި ޤައުމު ފޭލްވީ ބޭތިލްމާލު ހުދުކާފޫރަށްވީ އަދިވެސް މޮޅު ވާހަކަ ދައްކައިގެން ރައްޔިތުން ގުނބޯހެއްދޭތޯބަލަ އެކަމަކު ދެނެއް ރައްޔިތުން ގުބޯ ނުހެއްދޭނެ ރައްޔިތުންނަކަށް އަވާމެންދުރެއް ނުދެއްކޭނެ

  2. ދެފުއްމިޔަ

    މާރިޔާއާކުޅެވޭނެއެކޭ ހިތެއްނުބުނޭ. މާރިޔާ އަކީ މަޖިލީހާއި، ޤާނޫނުއަސާސީއާއި،ޤާނޫނުތަކާއި، ޤާނޫނުޣުޤޫބާތް ހިތުދަސް ކަބަލެއް.

  3. އަހްމަދު

    މާރިޔާގެކޮންއިހްމާލެއްތަ އިހްމާލުއޮންނާނީ އެކަންކުރިމީހުންގެދޯ