ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވާ ގޮތަށް ހަމަޖައްސައިދޭން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޚައިތަމް އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ހައިތަމް ފޮނުއްވި ސިޓީއެއްގައި ވަނީ، ކޮންމެހެން ހާޒިރުވެގެން ކުރަން ޖެހޭ މަސައްކަތްތައް ފިޔަވައި، ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް އޮންލައިން ކުރަން އެޗްޕީއޭއިން އަންގާފައިވާތީ އެ ގޮތުގައި މަޖިލިސް ވެސް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.

މި ގޮތުން ރައްޔިތުންގެ މަޖިލީހަކީ 159 މުވައްޒަފުންނާއި 87 މެންބަރުން މަސައްކަތް ކުރާ މުއައްސަސާއެއް ކަން ހައިތަމް ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ވެސް ގިނަ މަސައްކަތްތަކާއި ޖަލްސާތައް އޮންލައިން ކުރަން އޭނާ އެދިވަޑައިގަންނަވައެވެ.

ޚައިތަމް މި ގޮތަށް އެދިވަޑައިގެންފައި މިވަނީ، މުޅި ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރި ހާލަތު ވަރަށް ބޮޑަށް ގޯސްވެ ގިނަ ބަޔަކު ނިޔާވެފައި ވެސް ވަނިކޮށެވެ. ރާއްޖޭގެ 70 ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ބަންދުކޮށްފައި ވެސް ވެއެވެ.

މަޖިލީހުގެ ޖަލްސާތައް އޮންލައިން ކުރުމަށް މެންބަރަކު އެދިވަޑައިގެންފައިވާއިރު، މީގެ ކުރިން މިދިޔަ އަހަރުގެ ތެރޭގައި ވެސް މުޅި ރާއްޖެ ފުރަބަންދުކޮށް މާލޭގައި 24 ގަޑިއިރު ކާފިއު ހިންގަން ފެށުމުން މަޖިލީހުގެ ޖަލްސާތައް ވަނީ އޮންލައިންކޮށް ކުރިއަށް ގެންގޮސްފައެވެ. އެކަމަކު އެ ގޮތަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެ، އަލުން މަޖިލީހުގެ މާލަމަށް މެންބަރުން ޖަމާވެ ތިއްބަވައިގެން ޖަލްސާ ގެންދަން ފެށްޓެވީ ރައީސް ނަޝީދުގެ އިސްނެންގެވުމުގެ މަތިންނެވެ.

ރާއްޖެ އިން ކޮވިޑަށް ދުވާލަކު ފައްސިވާ މީހުންގެ އަދަދު މިހާރު ހުރީ 1،000 އިން މަތީގައެވެ. މިމަހުގެ 12 ވަނަ ދުވަހު ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރުން ބައެއް ފިޔަވަޅުތައް އެޅި ނަމަވެސް އަދިވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވިއެވެ.

މިކަމާ ގުޅިގެން މާ ބޮޑު ފިޔަވަޅުތައް ނާޅާ ތިބޭތީއާއި ސިއްހީ ވަސީލަތްތައް އިތުރު ކުރުމުގައި ސަރުކާރުން މާ ބޮޑު އަހައްމިޔަތު ކަމެއް ނުދޭތީ ގިނަ ބަޔެއްގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ. ހާލަތު ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވަރަށް ސިއްހީ ޚިދުމަތްތެރިން ވެސް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވޮންޑަރ ވައި،🤔

    ކޮވިޑްގެ ހާލަތު ގޯސް ކަމަށް މިމީހުންނަށް ގަބޫލު ކުރެވުނީބާ.... ކަލޯ އެާއީ ހަމަ އާދައިގެ ރޯގާާއެއް.. ކަލޯ މެން އެއްގޮތަ ކަށް ވެސް ގޭގަ ތިބެގެން ނުވާނެ... އައްނިއަށް ހަމަލާ ދިންމީހުން ހޯދޭތޯބަލާ.. މިވަގުތަށް އެންމެ މުހިންމު ކަންތަ އް އެއީ... މަރުވަނީ ގިނައިން ނި ކަމެތި މީހުން.. ވޯޓުލެވުނީމަ އެމީހުންގެ ބޭނުމެއް ނެތެއްނު...

  2. އެމަންޖެ

    އެއީ ކީކުރަންތޯ ތިޔަތަނަކީ ކޮވިޑް ފުރީ ތަނެއްނޫންތޯ.