ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އިންތިޚާބުކޮށްފިއެވެ.

އިޖްތިމާއީ ކޮމިޓީއަށް އާ މުގައްރިރަކު އެ ކޮމިޓީގެ މެންބަރުން އިންތިޚާބުކޮށްފައި މި ވަނީ، އެ ކޮމިޓީގެ މުގައްރިރު ކަމުގައި ހުންނެވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އީސަ އެ މަގާމުން އިސްތިއުފާ ދެއްވީ އޭނަގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ކޮމިޓީއަށް ވައްދައި، ކޯރަމް ހަމަނުވެގެން އެ މައްސަލަ ފާސްނުވެ އެ ބައްދަލުވުން ނިންމާލިތާ އިރުކޮޅެއް ފަހުންނެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޝިފާއުގެ ނަން ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އެ ނަމަށް ތާއީދު ކުރެއްވީ ކުރީގެ މުގައްރިރު އީސައެވެ. މިއަދުގެ ބައްދަލުވުމުގައި އީސަ ބައިވެރިވެވަޑައިގެންނެވިއެވެ.

ދެން ކޮމިޓީގެ ނައިބު މުގައްރިރު ކަމުގައި ހުންނެވި ހުސައިން ފިރުޝާން އޭނާގެ ނަން ހުށަހެޅުއްވިއެވެ. އެ ނަމަށް ތާއީދު ކުރެއްވީ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) އެވެ.

ޝިފާއުގެ ނަން ފާސްވީ ކޮމިޓީގައި ތިއްބެވި ހަތް މެންބަރުންގެ ތާއީދުންނެވެ. އެއީ މެންބަރު ޝިފާއުއާއި މެންބަރު އީސައާއި މެންބަރު ޝާހިދުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް، ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު، އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ.

ފިރުޝާންގެ ނަމަށް ތާއީދު ކުރެއްވީ މެންބަރު ފިރުޝާނާއި މެންބަރު ބޯދިގު އެކަންޏެވެ.

އީސަ މިއަދު ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވިއިރު، އީސަ ވަނީ އެމްޑީޕީގެ މަގާމުތަކުން ވެސް ސަސްޕެންޑް ކޮށްފައެވެ. އީސަ ވަނީ ގާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަަމަށް ވިދާޅުވެފައެވެ. އަދި ޕާޓީން އޭނައަށް ފިޔަވަޅުތަކެއް އެޅީ ޖަވާބުދާރީ ވުމުގެ ފުރުސަތު ވެސް ނުދީ ކަމަށް އީސަ ވިދާޅުވެފައިވެއެވެ.

"ހުރިހާ ކަމެއް ޕާޓީންވެސް ކުރަވަމުން އެ ގެންދަވަނީ އަޅުގަނޑަށް ޖަވާބުދާރީވާނެ ފުރުސަތެއް ނުދެއްވާ. މައްސަލައެއް ބަލާ ކަމެއް އަދި ބެލިކަމެއް ވެސް އަންގާފައެއް ނެތް،" "ވަގުތު" އިން ކުރި ސުވާލަކަށް އީސަ ފޮނުއްވި ޓެކްސްޓް މެސެޖްގައިވެއެވެ.

އީސަގެ މައްޗަށް ތުހުމަތު ކުރަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމަށެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ވަނީ އީސައާ ދެކޮޅަށް ބަޔާން ވެސް ދެއްވައިފައެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.