ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވާ ގޮތަށް ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވި ގޮތުގައި، މަޖިލީހުގެ ޖަލްސާތައް އޮންލައިން ކުރިއަށް ގެންދާނީ މާދަމާއިން ފެށިގެންނެވެ. އަދި އޮންލައިންކޮށް ޖަލްސާތައް ބޭއްވުމަށް ބޭނުންވާ ހުރިހާ އިންތިޒާމެއް މަޖިލީހުގެ އިދާރާއިން ދަނީ ހަމަޖައްސަމުންނެވެ.

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަން ނިންމީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުން، ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް އޮންލައިންކޮށް ގެންދާ ގޮތަށް ކުރިއަށް ދާން އެޗްޕީއޭއިން ލަފާ ދިނުމުންނެވެ.

މަޖިލީހުގެ އިދާރާއިން މި ގޮތަށް ނިންމާފައި މިވަނީ، މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ގެންދަން މަޖިލީހުގެ މެންބަރަކު ވެސް އެދިވަޑައިގެންފައިވަނިކޮށެވެ. އެ ގޮތަށް އެދިވަޑައިގަތީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޚައިތަމްއެވެ.

އެންމެ ފުރަތަމަ ރާއްޖެއިން ކޮވިޑްގެ ބަލި ފެނިގެން މުޅި ރާއްޖެ ފުރަބަންދުކޮށް މާލޭގައި 24 ގަޑިއިރު ކާފިއު ހިންގި ދުވަސްވަރު ވެސް މަޖިލީހުގެ ޖަލްސާތައް ބޭއްވީ އޮންލައިންކޮށެވެ. އެއީ ދުނިޔޭގައި ވެސް މަޖިލީހުގެ އިދާރާއަކުން އޮންލައިންކޮށް ޖަލްސާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.

އެކަމަކު އެ ގޮތަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެ، އަލުން މަޖިލީހުގެ މާލަމަށް މެންބަރުން ޖަމާވެ ތިއްބަވައިގެން ޖަލްސާ ގެންދަން ފެށްޓެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމުގެ މަތިންނެވެ.

ރާއްޖެ އިން ކޮވިޑަށް ދުވާލަކު ފައްސިވާ މީހުންގެ އަދަދު މިހާރު ހުރީ 1،000 އިން މަތީގައެވެ. މިމަހުގެ 12 ވަނަ ދުވަހު ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރުން ބައެއް ފިޔަވަޅުތައް އެޅި ނަމަވެސް އަދިވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވިއެވެ.

މިކަމާ ގުޅިގެން މާ ބޮޑު ފިޔަވަޅުތައް ނާޅާ ތިބޭތީއާއި ސިއްހީ ވަސީލަތްތައް އިތުރު ކުރުމުގައި ސަރުކާރުން މާ ބޮޑު އަހައްމިޔަތު ކަމެއް ނުދޭތީ ގިނަ ބަޔެއްގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ. ހާލަތު ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވަރަށް ސިއްހީ ޚިދުމަތްތެރިން ވެސް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    މަޖްލިސް މަވުތީ ގޮތުން ބަންދު ކުރަން ވީ އެވެ.

  2. ގުނބޯ

    ދެއިރު ދެދަޅަޔަށް މަޖިލިސްކުރާގެޔަށްގޮސް މާކަންތައްތައް ކުރެވޭބައެއްކަމަށްދެއްކުމަށް ދެބަނޑަށްކައިގެން ސައިބޮއިގެން ކޮފީ ބޮއިގެން ތަސްބީހަޔަކަށް ނަޝީދު ނަޝީދު ކިޔަކިޔާ ތިތިބެނީ މި ޤައުމުގެ ރައްޔިތުންގެ އަގުހުރި ފުރާނަތަށް މިދުނިޔެއާ ވަކިވެގެން އެދަނީ އެތަށްހާސް ބަޔަކު ކޮވިޑުބަލީގެ ވޭނުގަ އެ ހޭދަކުރަނީ މިކަން ބޮޑެއްނުވޭ ތިޔަ މަޖިލީހަކަށް އޮންލައިނުކޮށްވެސް އަދި ކޮންމެ ގޮތަކަށްވެސް ތިޔަ ބައިގަނޑު އެއްވެސް ތަސްބީހަ ކިޔަން ޖެހޭނެ

  3. ނެތް

    މަޖިލިސް އުވާލާ ތިލާރި ބަހަންވީ އެންމެނަށް... އެނޫން ގޮތެއް ނެތް...