ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސައަކީ ސިޔާސީ ބޭފުޅެއް ކަމަށާއި ސިޔާސީ ބޭފުޅުންގެ މައްޗަށް ކޮންމެ ފަދަ ތުހުމަތެއް ވެސް ބަޔަކު އަޅުވަދާނެ ކަމަށް އީސަ މިއަދު ވިދާޅުވެއްޖެއެވެ.

އީސަގެ މައްޗަށް ކުރަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ވަނީ އީސައާ ދެކޮޅަށް ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެވެ. ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ތުހުމަތާއެކު، އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އީސަ ވަކި ކުރަން އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ވެއްދިއެވެ. އެކަމަކު އެ ކަމަށް ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ ކޯރަމް ހަމަނުވެގެން އޭނަ ވަކިކުރަން ވޯޓަކަށް ނޭހުނެވެ.

އޭގެ އިރުކޮޅެއް ފަހުން އީސަ ވަނީ ކޮމިޓީގެ މުގައްރިރު ކަމުން އަމިއްލައަށް އިސްތިއުފާ ދެއްވައިފައެވެ. އަދި ރާއްޖޭގެ ގާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ އޭނައަށް ކުރައްވާ ތުހުމަތުތަކަށް އިންކާރު ކުރެއްވިއެވެ.

މިއަދު ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އީސަ ވާހަކަ ދެއްކެވިއެވެ. މި ތުހުމަތުތައް އަމާޒުވުމަށް ފަހު، ފުރަތަމަ ފަހަރަށް އާންމު ޕްލެޓްފޯމެއްގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ އޭނާ ފަދަ ސިޔާސީ ބޭފުޅެއްގެ މައްޗަށް މީހަކު ކޮންމެ ފަދަ ތުހުމަތެއް ވެސް އުފުލަދާނެ ކަމަށެވެ.

"އަޅުގަނޑަކީ ސިޔާސީ މީހެއް، ސިޔާސީ މީހެއްގެ މައްޗަށް ހަމަ ކޮންމެ ތުހުމަތެއް ވެސް ބަޔަކު އުފުލަދާނެ، އެ އުފުލާ ތުހުމަތަކީ އެ ތުހުމަތު ކުރާ ކަމުގެ ބޮޑު ކުޑަމިން ބަލަން ޖެހޭ،" އީސަ ވިދާޅުވިއެވެ.

"ވަކި މަގްސަދަކަށްޓަކައި ކޮމިޓީން ދިފާއުވުމުގެ ހައްގު ނުދިން"

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސަ ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ އޮންނަން ޖެހޭ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށެވެ. މި ގޮތުން އޭނާއަށް ދިފާއު ވުމުގެ ހައްގު ގާނޫނު އަސާސީންނާއި ގާނޫނުތަކުންނާއި މަޖިލީހުގެ ގަވާއިދުން ވެސް ލިބިދީފައިވާ ކަމަށް އީސަ ވިދާޅުވިއެވެ

"ވަކި މަގްސަދަކަށް ޓަކައި އެ ހައްގަށް ނުފޫޒު ފޯރުވައިގެން، އެ ހައްގުން މަހްރޫމް ކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ދޭތެރޭ ފިޔަވަޅު އަޅަން މަޖިލީހުގެ އެކި ގުނަވަންތަކުން އުޅުމަކީ މަޖިލީހާ މެދު ރައްޔިތުން ސުވާލު އުފައްދާނެ ޖާގަ ލިބޭނެ ކަމެއް،" އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް މަޖިލީހުގެ ކޮމިޓީތަކުން މަޖިލީހުގެ މެންބަރަކާ މެދު ފިޔަވަޅު އެޅުމުގެ ކުރިން އެ މެންބަރަކަށް ދިފާއުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ. ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދެއްވައި އެ ގޮތަށް އަމަލު ކުރެއްވުމަކީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށް އީސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    އީސަ ހީ ކުރަނީ އެއީ ސިޔާސީ މީހެއް ކަމައްތަ؟ ހެ ހެ ހެ........
    އީސާ....! ތިއީ ސިޔާސީ މީހެއްނޫން. އެ ކަމު ތިއީ ލާދީނީ އަންނިގެ އަޅެއް. ތި އީސައެއް ނޫންތަ މޑޕ ވިޕްލައިނާ ހިލާފަށް ެ ލާދީނީ އަންނި ބުނެގެން ވޯޓު ދިނީ..... ލަދެއްވެސް ނުގަނޭ ދޯ ؟

  2. Anonymous

    ބަލަ އަޙައްމަދާ މީގެ ކުރިން ވެސް ތަހުރޭ. ކިޔާތޭ އެކަހަލަ ވާހަކަ. ކަމެއްވީމާ ދޯ ކީ.
    "އަޑެއް ކިއްޔާ ރެނދެއް ލާނެއޭ" ބުނާއަޑު އަޙްމަދަށްވެސް އޮންނާނީ އެނގިފައި.

  3. ހާށަވިޔަނި

    އެމްޑީޕީ މީހުންނަށް ފިޔަޅުއެޅުމަކީ މަނާކަމެއް އެއީ ޤާނޫނުއަސާސީ އާއި އެބޭފުޅުންގެ ކަރާމަތަށް އަދުއިންސާފަށް ވާސިލުވުމަށް ހުރަސްއެޅޭނެ ކަމަކަށް ބަލަންޖެހޭނީ. އެމްޑީޕީ ބޭފުޅުން އުޅޭނީ މާމަތީގަ. މިސާލަކަށް ރޯޔަލް ރޭޕްކޭސް. މިފަހަރުވެސް ތޮޅިއަށް