ދިވެހިންގެ އާއްމުކޮށް ކައި އުޅޭ މުށި މަސް ގިނަ އަދަދަކަށް އަރާ ހއ. ތަކަންދޫ ފަޅުތެރެއަށް ކަޅު ތެޔޮ ފައްތާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ތަކަންދޫ އަކީ ގިނަ އަދަދަކަށް މުށި މަސް އަރަމުން އަންނަ ރަށެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ފާއިތުވި ދެ މަހެއްހާ ދުވަހު އެރަށު ފަޅު ތެރެއަށް މުށި މަސް އަރާކަން އެރަށުގެ ރައްޔިތުން ވެސް ވަނީ ފާހަގަ ކޮށްފައެވެ.
"ވަގުތު" އާއި ވާހަކަ ދައްކަމުން އެރަށު މީހަކު ބުނީ، އެކަން ކުރާ ކަމަށް ތުހުމަތު ކުރެވިފައި އޮތީ ކައިރީގައި އޮންނަ މާރަންދޫ މީހުން ކަމަށެވެ. އެގޮތަށް ތުހުމަތު ކުރެވެނީ މީގެ ކުރިން ވެސް މުށި މަސް އަރާއިރަށް ކަޅު ތެޔޮ އަޅާ ނުވަތަ ކަޅު ތެޔޮ ފައްތާފައި ހުރުމާއި ގުޅިގެން ކަމަށެވެ.
އަދި އަމިއްލަ ރަށަށް އެވަރު ބޮޑު ރިޒުގެއް ދެއްވާއިރު، ރަށުގެ މީހުން އެހާ ގޯސް ކަމެއް ނުކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެބަ ހުރި ފުޅިތަކެއް ކަޅު ތެލާއި އެކީ ކުދި ގޯންޏަށް އަޅާ ފައްތާފައި. އޭގެއިން ކުދިކޮށް ލީކު ވާނެ ގޮތަށް ހަދާފައި ހުންނަނީ. އެއީ މުށި މަސް ގަނޑަށް ގޯނާ ކުރުމަށް އެމީހުން ކުރާ ކަމެއް" އޭނާ ބުންޏެވެ.
މޫސުމަށް އަންނަ ބަދަލާއި އެކީ އޮއެވަރު އޮންނަ ގޮތުން މިއަދު ހެނދުނު މޫދު މަތިން ކަޅު ތެޔޮ ލައިނެއް ފެނިގެން ބެލި ބެލުމުން ފައްތާފައި ހުރި ފުޅިތަކެއް ފެނިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މިހާރު ވަރަށް ބޮޑު ބައި ނަގާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އޭނާ ބުނި ގޮތުގައި މިއަދު ފަތިހު 5:30 އެހާކަންހާއިރު މުށިމަސް ގަނޑު ފަޅުތެރެއަށް ވަނެއެވެ. އެހެން ނަމަވެސް ތެލުގެ އަސަރު ހުރުމުން 6:30 އެހާކަންހާއިރު، ބޮޑު ބައި ނުކުމެގެން ގޮސްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
"މިއަދު ސީދާ ނެގި ވަރެއް ނޭނގޭ. އެކަމަކީ މީގެ ކުރިން 90 އާއި ގާތްކުރާ ވަރަށް ކުދި ފުޅިތައް ނަގާފައި އެބަ ހުރި ކަޅު ތެޔޮ އަޅާފައި ހުރި" އޭނާ ބުންޏެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، އެކަން ކޮށްފައިވަނީ މާރަންދޫ ރައްޔިތުންނޭ ބުނަނީ މީގެ ކުރިން ވެސް "މަސް" ކަންތަކުގައި ދެރަށުގައި ހިތްހަމަ ނުޖެހުމުގެ އެތައް ކަމެއް ހިނގާފައިވާތީއެވެ. އެގޮތުން މިއަހަރު ވެސް މިފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމާއި ގުޅިގެން ތަކަންދޫ ކައުންސިލްގެ ރައީސް ހުސެއިން ނައީމް "ވަގުތު" އަށް ވިދާޅުވީ، އެކަހަލަ ހާދިސާއެއް ރަށުގައި ހިނގައިގެން އުޅޭ ކަމަށާއި އާއްމު ގޮތެއްގައި އެކަހަލަ ހާދިސާއެއް ހިނގަނީ މުށިމަސް އަރާ މޫސުމާއި ދިމާކޮށް ކަމަށެވެ.
ނައީމް ވިދާޅުވި ގޮތުގައި އެފަދަ ހާދިސާއަކީ ތާރީހަށް ބަލާލާއިރުވެސް ހިނގާފައި އޮތް ކަމެއް ކަމުން ބޮޑަށް އެކަހަލަ ކަމެއް ކުރާނެ ކަމެއް ބެލެވެނީ މާރަންދޫ މީހުން ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ރަށު ދަރިއަކު އެކަހަލަ ކަމެއް ކޮށްފާނެއޭ. ސަބަބަކީ މިހާ ގަދަ މޫސުމެއްގައި މިހާރު ވެސް އަޅުގަނޑުމެން މުޅި ރަށް އެއްކޮށް 100 އިންސަތަ ބަރޯސާ ވެފައިވަނީ އެ މުށި މަސް ގަނޑަށް. އެހެންކަމުން އެވަރު ކަމެއް ރަށު މީހުން ކުރާނެއެކޭ އަޅުގަނޑު ގަބޫލެއް ނުކުރަން" ނައީމް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން މާރަންދޫ ކައުންސިލްގެ ރައީސް، ޖައިލަމް ހާރޫން "ވަގުތު" އަށް ވިދާޅުވީ، ކުޑައިރު ހިނގާފައި ހުރި ކަންތަކުގެ ވާހަކަ މިހާރު ދެއްކުމެއް ނެތް ކަމަށާއި ރަށުގެ ރައްޔިތުންނަކީ މިހާރު ތަހުޒީބު ބައެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
"އަޅުގަނޑު ހަމަ ގަބޫލެއް ނުކުރަން. އަޅުގަނޑުމެންނަކަށް ސީދާ ލޮލަށް ނުފެނި ނުބުނެވޭނެ ކުރިއެކޭ ވެސް ނުކުރެއެކޭ ވެސް. އެހެން ނަމަވެސް މިހާރު މި ތަހުޒީބު މުޖުތަމައު އަޅުގަނޑު ގަބޫލެއް ނުކުރަމޭ މާރަންދޫ ރައްޔިތުންތަކެއް ވެރިންގެ އަމުރަށް ނުކިޔަމަންތެރިވުމޭ މިހާލަތުގައި ރަށުން ފުރައިގެން ދިއުމަކީ ވެސް" ޖައިލަމް ވިދާޅުވިއެވެ.
ޖައިލަމް ވިދާޅުވީ، ތަކަންދޫގެ ކައުންސިލްގެ ރައީސް އާއި އޭނާ އާއި ދެމެދުގައި ގުޅައިގެން ވާހަކަ ދެކެވިފައިވާ ކަމަށާއި އެހެންކަމުން ފުލުހަށް ހުށަހަޅާފައިވާ އެ މައްސަލައަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.
"ކައުންސިލްގެ ޓީމުން ތަހުގީގަށް ދޭން ޖެހޭ އެއްބާރުލުން ދޭނެ. އެއީ މިރަށު ބައެއް ކުރި ކަމެއް ކަން ތަހުގީގުން އެނގިއްޖެއްޔާ އަޅުގަނޑު ވެސް ދެރަވާނެ. އަދި މިރަށު މީހަކު އެފަދަ ކަމެއް ކުރިއްޔާ ޤާނޫނީ ގޮތުން އެބޭފުޅަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅަންޖެހޭނެ ކަމަށް ގަބޫލު ކުރަން." ޖައިލަމް ވިދާޅުވިއެވެ.
މީގެ އިތުރުން ޖައިލަމް ވިދާޅުވީ، އެރަށުގެ ރައްޔިތުން އެފަދަ ކަމެއް ކޮށްފިކަމުގައި ވާނަމަ ރަށުގެ ކޮންމެވެސް ހިސާބެއްގައި އެކަމާއި ބެހޭ ގޮތުން އެކި ސިފަ ސިފައިގައި ވާހަކަ ދެކެވޭނެ ކަމަށާއި އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް ކައުންސިލްގެ އެއްވެސް ބޭފުޅެއްގެ ކަންފަތުގައި އެފަދަ ވާހަކައެއް ރަށު ތެރެއިން އަޑު އިވިފައި ނުވާ ކަމަށެވެ.
ބަޔަކަށް ޖާހިލު ވެވޭނީ ތިހާކަން މިންވަރަކަށް.
ދިވެހިންގެ 90% މީހުންނަކީ އަބަދުވެސް ސިހުރުހާހޫރު ހެދުމާއި އެހެންބަޔަކަށް ނިއުމަތެއް ލިބެން ނޭދޭބަެއް.
ބަނގުރަލާ މަސްތުވާ ތަކެއްޗައް ނުވިކަން ރަގަޅު ދޯ އެހެން ވީނަމަ އެވާހަކަ ނުދައްކާނެ މީވަރައް ވާހަކަ
ކޮންމެ އަހަރަކުވެސް މުށިމަސް ވަންނަނީ މާރަންދުއަށް... ތަކަންދޫ މީހުން ، ތެލެއް ނާޅަ ... މާލެ މީހުން ތެޔޮއަޅަނީ.
ނޭންގޭ ކަމެއް ބަޔަކު ބަދުނާމު ކުރާކަށް ނުވާނެ
ފުޅައްބުޑުން ދަންޏާ ހަނދާނަށް ހީވާނީ ކެޔޮގަނޑު ކަޑާލާހެން
ތިމާމެން ކުރާގޮތަށް އެންމެންވެސް ކަންކުރާނެހެން ހީވާނީ. ދެރަށުގަ ދެމެދު ރަގަޅު ގުޅުމެއް އުފެދިފައި ވަނިކޮށް ރައީސް ކަމަށް އަރާ ކުރަން އެދުނު ކަމަކީ ތީބާ. އެވެސް އެއްވެސް ހެއްކެއް ނެތި.
އަހަންނަކަށް ހިޔެއްނުވޭ ތީ މާރަންދޫ ބަޔަކު ކުރި ކަމެއް ހެނެއް. ފުރަ ބަންދެއްގަ އޮންނައިރު އަދި ހާއްސަކޮށް ތިފަދަ ކަމެއް ކުރަން ދާނެޔެކޭ މަ ހިތެއް ނުބުނޭ. މީގެން އެނގޭއެއްޗަކީ ތަކަންދޫ ކައުންސިލްގެ ނާގާބިލު ކަމާ ނާތަހުޒީބު ކަމާއި ވިސްނުމުގައި ހުރި އުނިކަމެއް.. އިހު ޒަމާނެއްގައި 2 ރަށް ދެރަށަށް ފަޅުތެރެއަށް ތެޔޮ އަޅާ އުޅުނު ނަމަވެސް އެއީކީ މިހާރު ތުހުމަތު ކުރަންޖެހޭ ސަބަބެއް ނޫން.. ތިޔަ އުޅެނީ އެނެއްކާވެސް ޒާތީ ވާން.. މާރަންދޫ ލޭ ކައްކުވާން ނޫޅޭ. އޭރުން ގޯސްވެދާނެ