ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ތަހުގީގަށް ބަންދު ނުކުރަން ކްރިމިނަލް ކޯޓުން ކަނޑައެޅި އަމުރު ހައި ކޯޓުގައި އިސްތިއުނާފް ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު ވިދާޅުވި ގޮތުގައި، އެ ގޮތަށް އެ އޮފީހުން ނިންމީ މައިގަނޑު ތިން ސަބަބެއްގެ މައްޗަށެވެ.

ފުރަތަމަ ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ މި މައްސަލައަކީ ތަހުގީގުގެ މައިގަނޑު މަސައްކަތްތައް ނިމިފައިވާ މައްސަލައަކަށް ވުމުން، ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން އޮފީހަށް ވަރަށް އަވަހަށް ފޮނުވި އެ ކަމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމޭނެ މަރުހަލާއެއްގައި އޮތް މައްސަލައަކަށް ވުމުންނެވެ.

ދެވަނަ ސަބަބަކީ، ތަހުގީގަށް ބޭނުންވާ ހެކީގެ ގޮތުގައި ނަގަން ޖެހޭ ބަޔާންތައް ނަގާ ނިމިފައިވާތީވެ ތަހުގީގަށާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަވުން ކަމަށް ޝަފީއު ވިދާޅުވިއެވެ.

ތިންވަނަ ސަބަބަކީ އަނިޔާ ލިބިފައިވާ ފަރާތަށް ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާތީއާއި ހައްޔަރު ކުރުމުގެ އަމުރަކަށް ފުރަތަމަ އެދުނުއިރު އޮތް ހާލަތާއި މިހާރު އޮތް ހަލާތު ބަދަލުވެފައިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު އީސަގެ މައްޗަށް ކުރަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތެވެ. ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު އަސްރާ ވަނީ އީސައާ ދެކޮޅަށް ފުލުހުންނަށް ބަޔާން ވެސް ދެއްވައިފައެވެ.

މި ތުހުމަތާއެކު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އީސަ ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިމެންދެން އެމްޑީޕީގައި އީސަ އަދާ ކުރައްވާ މަގާމުތަކުން އެ ޕާޓީން ވަނީ އޭނާ ސަސްޕެންޑްކޮށްފައެވެ.

އީސަ ވިދާޅުވަނީ ގާނޫނާ ޚިލާފު އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ. އަދި އޭނާއަކީ ސިޔާސީ ބޭފުޅަކަށްވާއިރު ސިޔާސީ ބޭފުޅުންނަށް ތަފާތު ތުހުމަތުތައް ކުރައްވާނެ ކަމަށް އީސަ ވިދާޅުވެއެވެ. މަޖިލީހުގެ ކޮމިޓީންނާއި އެމްޑީޕީން ވެސް އޭނާއަށް ދިފާއުގައި ވާހަކަ ދައްކަވާނެ ފުރުސަތު ނުދެއްވުމުން ވެސް އީސަ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސުންކު

    އާ ކުރާނެކަމެއްނެތް ، ތިއަށްވުރެ މަތީ މަގާމެއްދީ

  2. ފާފަޅޯ

    ޑްރާމާ މިހިސާބަށް ނިމުނީ ، ޖަންގަލީގެ ޤާނޫނު ތަންފީދުކޮށް ނިމުނީ . ނިކަމެއްޗެއްނަމަ ނޮޅާ ކައި ހުސްކުރާނެކަން ޔަޤިން މުޖައްރިބު

  3. Anonymous

    ތިޔަނިމުނީ ތިޔަކަން.
    ތިޔަހުރީ ޒީރޯ ޓޮލަރެންސް ގެ ދަށުން ހިނގާނެކަންކަން ކުރިން ވެސް އެނގޭ ރައްޔިތުން ނަށް. ރޯޔަލް ރޭޕް ވެސް ވީއެހެންނު. އިބްރާހީމާ ބަހާއި ޢަމަލު ދިމާނުވޭ

  4. އަހަންމަދު

    ނުކުރާނެއޭ

  5. މާލޭ މީހުން

    މީ އޮޅު ރައްޔަތުން ނައް އޮޅު ވާލުމުގެ ސަރު ކާރެއް . ހުރި ހާ ކަމެއް ވެސް ކުރާނީ އޮޅު ބަލައިގެން މަ ކަރުން. ހީނު ކުރާތި ރައްޔަތުން މީ ގަމާރުން މައް

  6. ނަައީމް

    ނުކުރެވޭނެ ސަރުކާރުގަ މިތިބެނީ ކޮންމެވެސް ކަމެއްވެގެނޭ ދިފާއީނިޒާމު ވަރުގަދަވާނެ ދެން ލަލަލަ