ރާއްޖެއިން އިނގިރޭސިވިލާތަށް ތައުލީމު ހާޞިލުކުރުމަށް ދާ ދަރިވަރުންނަށް، ވިސާގެ ކަންކަން ލުއިކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. އެޤައުމުން ދާދިފަހުންވަނީ، ލުއި ގޮތްތަކެއްގައި ސްޓޫޑެންޓް ވިސާ ދޭނެ ޤައުމުތަކުގެ ލިސްޓަށް އިތުރު ޤައުމުތަކެއް އިތުރުކޮށްފައެވެ.

ސްޓޫޑަންޓް ވިސާ ދިނުމުގައި އިނގިރޭސި ސަރުކާރުން ލުއިގޮތްތަކެއް ގެންގުޅޭނެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، އެޤައުމުގެ ސަރުކާރުން "ލޯ ރިސްކް" ޤައުމުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ، އެލިސްޓުގައި ހިމެނޭ ޤައުމުތައްކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައިވެއެވެ. އެލިސްޓުގައި ރާއްޖޭގެ އިތުރުން ދެން ހިމަނާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ، ބަހްރެއިން، އިންޑޮނީޝިޔާ، ސާބިޔާ، މެކާއު، މެކްސިކޯ، ތައިލަންޑް އަދި ޑޮމިނިކަން ރިޕަބްލިކް އެވެ. މީގެކުރިން އެލިސްޓުގައި އެމެރިކާ، ކެނެޑާ އަދި ނިއު ޒިލެންޑް ހިމެނޭކަމަށްވެސް އެނޫސްތަކުން ބުނެފައިވެއެވެ.

މި ނިންމުމުގެ ސަބަބުން، ރާއްޖެ ހިމެނޭގޮތަށް މި ޤައުމުތަކުގެ ދަރިވަރުން، އިނގިރޭސިވިލާތުގެ ވިސާއަށް ހުށަހަޅާއިރު ގިނަ ލިޔެކިޔުންތަކެއް ހުށަނާޅާ، ލުއި ގޮތްތަކެއް ލިބިގެންދާނެއެވެ.

މި ލިސްޓުގައި އިންޑިޔާ ހިމެނިފައި ނުވާތީ، އެޤައުމުގެ ގިނަ އަދަދެއްގެ ފަރާތްތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، މިކަމަށް އެޤައުމުގެ ބައެއް މީޑިޔާތަކުން ސުވާލުކޮށްފައިވެއެވެ. އެގޮތުން، އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުގެ އާބާދީގެ ބޮޑު ބައެއް އިންޑިޔާގެ ދަރިވަރުން ހިއްސާކުރާކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.