ކޮވިޑް-19 ގެ ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ، ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ފިރިހެނެކެވެ.

މިއަދުގެ މި ވަގުތުގައި އިތުރު މީހަކު ނިޔާވެފައިވާއިރު، އިއްޔެ ވަނީ މި ބަލީގައި 13 މިހަކު ނިޔާވެފައެވެ. އިއްޔެ އަކީ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އަދަދަށް މީހުން ނިޔާވި ދުވަހެވެ.

ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ މިހާރު 143 އަށް އަރާފައެވެ.

މި މަހު އެކަނި 60 އަށް ވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ. މިއީ މަސް ދުވަސް ތެރޭގައި އެންމެ ގިނަ އަދަދަށް މީހުން ނިޔާވި މަހެވެ. މީގެ ތެރެއިން ވެސް ގިނަ ބަޔަކު ނިޔާވެފައިވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީންނެވެ.

މީގެ ކުރިން އެއް ދުވަސް ތެރޭގައި ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އެދުވަހު 7 މީހުން ކޮވިޑް ޖެހިގެން ނިޔާވިއެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އަންނަ ބުދަ ދުވަހުން ފެށިގެން މާލެ ފުރަބަންދު ކުރަން ވަނީ ނިންމާފައެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި މާލެ ފުރަބަންދެއް ނުކުރާނެއެވެ.

އޭގެ ބަދަލުގައި ފުރަބަންދަށް ސަރުކާރުން މިފަހަރު ދީފައިވާ ނަމަކީ ކާފިއުއެވެ. ބުދަ ދުވަހުން ފެށިގެން ހުއްދަ ނެތި މަގުމައްޗަށް ނިިކުތުން މަނާ ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޙއމދ

    ސޯލިހުބޭ! ސަރުކާރުން މިހާރު ބަލާލަން ވެޖެއްދޯ މި ހުޅުމާލޭގައި ހުރި ފެސިލިޓީގައި ބަލި މީހުންނަށް ރަނގަޅަށް ޙިދުމަތް ދޭތޯ.

    5
    1
    • ބުނަން

      ރަގަޅަށް ޚިދުމަތްނުދެވޭކަމީ ކިހާރު ބަލާކަށް އޮތްކަމެއްނޫން. ޔަގީންވެފައިވާ ކަމެއް. ކަމެއްކުރަންޏާ އެތަން ބެލެހެއްޓުމުގެ އިންތިޒާމުރަގަޅުކުރަންޖެހެނީ. ނަރުހުންނާއި ޑޮކްޓަރުން ނޫން މީސްމީހުންނަށް ކުރެވޭނެ މަސައްކަތަށް ކަންކުރެވޭ ޒާތު މީހުން ލައްވަންވީ. ބަލިމީހުން ބޭނުންކުރާ ފާޚާނާތައް ސާފުތާހިރުކޮށް ބަލަހައްޓަންވީ. ކާންބޯން ދޭންވީ. މިވަރު ނުވަންޏާ ވާވަރު ބަޔަކާ ހަވާލުކުރަންވީ.