ކޮވިޑް-19 ހާލަތު ގޯސް ވުމާއެކު ރާއްޖެ އިން ޕާކިސްތާނަށް ދަތުރު ކުރުން ދިވެހި ސަރުކާރުން މަނާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާކިސްތާނުން ގައުމުތަކަށް ވަކި ކެޓެގަރީ ތަކަކަށް ބަހައި ރޭޓް ކުރި އިރު، ރާއްޖެ 'ސީ' ކެޓެގަރީގައި ހިމެނިފައިވާކަން ޕާކިސްތާން އެމްބަސީން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށެވެ. އަދި އެ ނިންމުމާ ގުޅިގެން މާދަމާ އިން ފެށިގެން ރާއްޖެއިން ޕާކިސްތާނަށް ދަތުރުކުރުން މަނާ ވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

ގައުމުތައް ކެޓެގަރީތަކަށް ބެހިފައިވާއިރު، ޕާކިސްތާނުން އެ ގައުމެއް 'ސީ؛' ކެޓެގަރީގައި ހިމަނައިފި ނަމަ އެ ގައުމަށް ދަތުރުކުރުން މަނާވާނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. ރާއްޖޭގެ ރޭޓިންގް 'ސީ' ކެެޓެގަރީގައި ހިމަނާފައިވަނީ ކިހާ ދުވަހަކަށް ކަމެއް ބަޔާން ކޮށްފައެެއް ނުވެއެވެ.

ރާއްޖެއިން ޕާކިސްތާނަށް ދަތުރުކުރުން މަނާ ކުރި ނަމަވެސް، ރާއްޖޭގައި ތިބި ޕާކިސްތާނުގެ ރައްޔިތުންނަށް އެނބުރި ގައުމަށް ދެވޭނެ ކަމަށް ބުނެފައިވެއެވެ. ޕާކިސްތާނުގެ މި ނިންމުމާއެކު އެގައުމުގެ ރައްޔިތުން ފިޔަވާ އެހެން މީހުންނަށް ރާއްޖެއިން ޕާކިސްތާނަށް ދަތުރުކުރެވޭނީ އެގައުމުގެ ސަރުކާރުން އެކުލަވާލައިފައިވާ ހާއްސަ ކޮމިޓީއެއްގެ ހުއްދަ ލިބިގެންނެވެ.

ރާއްޖެއިން ޕާކިސްތާނަށް ދަތުރުކުރުން މަނާ ކޮށްފައިވަނީ ރާއްޖޭގައި ކޮވިޑް ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެެވެ. އެގޮތުން، އިއްޔެ އާއި ހަމައަށް ރާއްޖެއިން 57،341 މީހަކު ކޮވިޑަށް ފައްސި ވެފައިވެއެވެ. ހަމަ އެކަނި އިއްޔެވެސް ރާއްޖެއިން 1417 މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު 13 މީހަކު ބަލީގައި ނިޔާވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފިލަަަސް

    ރާއްޖޭގެ މިވަގުތުގެ ކޮވިޑު ހާލަތާ ގުޅުން ހުރި ކަމެއް ނޫންދޯ.
    އެހެންވިއްޔާ ކީއްވެގެންބާ؟؟

  2. އންތަރސް

    އެންމެ ނުރައްކާ ގައުމު އަދިވެސް ހުޅުވިފަ

  3. އިބްރާހިމް

    އެންމެ ބޮޑު ނުރައްކާއޮތީ އިންޑިޔާއަށް ނަމަވެސް މަނާމިކުރީ ޖެހިގެންއޮތް ޤައުމަށް.

  4. ޕާކިސްތާން

    ރާއްޖޭގެ ކޮވިޑް ހާލަތު ގޯސް ކަމުން ޕާކިސްތާނުން ނިންމި ނިންމުމެއް އެއީ.. ޕާކިސްތާނަށް ރާއްޖޭން އެއްވެސް މީހަކު ދަތުރު ކުރުން މަނަލީ