ކޮވިޑް-19 ގެ ބަލީގައި ރާއްޖެއިން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދެއްވި ގޮތުގައި މިއަދު ހެނދުނު 7:40 ހާއިރު ނިޔާވެފައިވަނީ 89 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

މިއަދު ދެ މީހަކު މިހާތަނަށް ނިޔާވެފައިވާއިރު އިއްޔެ ވަނީ 13 މީހަކު މި ބަލީގައި ނިޔާވެފައެވެ. އެއީ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މިހާތަނަށް މި ބަލީގައި މީހުން ނިޔާވި ދުވަހެވެ.

މީގެ ކުރިން އެއް ދުވަސް ތެރޭގައި ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ މި މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އެދުވަހު ހަތް މީހުން ކޮވިޑް ބަލީގައި ނިޔާވިއެވެ.

ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 144 އަށް އަރާފައެވެ. އޭގެ ތެރެއިން 96 މީހުން ނިޔާވެފައި ވަނީ މި އަހަރެވެ. މީގެ ތެރޭގައި ހިމެނެނީ 128 ދިވެހިންނާ 16 ބިދޭސީންނެވެ.

އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން ނިޔާވެފައި ވަނީ ވެސް މި މެއި މަހުއެވެ. މެއި މަހުގެ މިހާތަނަށް 71 މީހަކު ނިޔާވެފައިވެއެވެ. އެއީ ނިޔާވި ޖުމުލަ މީހުންގެ ގާތްގަނޑަކަށް ދެބައި ކުޅަ އެއްބައެވެ.

މީގެ ތެރެއިން ވެސް ގިނަ ބަޔަކު ނިޔާވެފައިވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީންނެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އަންނަ ބުދަ ދުވަހުން ފެށިގެން މާލެ ފުރަބަންދު ކުރަން ވަނީ ނިންމާފައެވެ. ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި މާލެ ފުރަބަންދެއް ނުކުރާނެއެވެ.

އޭގެ ބަދަލުގައި ފުރަބަންދަށް ސަރުކާރުން މިފަހަރު ދީފައިވާ ނަމަކީ ކާފިއުއެވެ. ބުދަ ދުވަހުން ފެށިގެން ހުއްދަ ނެތި މަގުމައްޗަށް ނިިކުތުން މަނާ ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފިޔާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

    36
  2. އަލިބެއްޔާ

    ހުޅުމާލެ ކޮވިޑް ފެސިލިޓީގައި މޯބައިލް ފޯނު ބޭނުން ކުރުން މަނާ؟؟؟؟ އެހާ ފަރުވާކުޑަވެ މީހުން މަރުވަމުންދާއިރު ތަނުގެ ޙާލަތުގެ ވީޑިއޯ އެއްވަރުވެސް ކޮއްލާނެ މީހަކު ނުވޭ.. މުޅިންވެސް ބުންޔޭ ބުންޔޭ..

    14
  3. މައިނާ

    މި ގޮތަށް މަރުވާ މީހުންގެ ، ފުލުހުންގެ ޖޫރީމަނާ ދަ އްކާނީ ކޮން ފަރާތަކުންތޯ؟