ކޮވިޑް-19 އާ ގުޅިގެން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ވަނީ ކޮވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރާއްޖޭގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމުމާ ގުޅިގެން މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުއްޓާއި ގުޅީފަޅުގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށެވެ.

މީގެކުރިން ސަރުކާރުން ނިންމާފައި އޮތީ މެއި ފަސް ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އޮފީސްތައް ނުހުޅުވުމަށެވެ. އެކަމަކު، ރައީސް މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ވެސް އޮފީސްތައް ބަންދުކޮށްފައި ބެހެއްޓުމަށެވެ.

ރައީސް އޮފީހުން އެދިފައި ވަނީ މި މުއްދަތުގައި މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ދިނުމަށެވެ.

އަދި އެމަނިކުފާނު ވަނީ ސަރުކާރުގެ އިދާރާތަކުން ދެއްވާ އަސާސީ ޚިދުމަތްތައް ދެއްވުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެ ނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމުގައިވެސް ދަންނަވާފައެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސް ވަނީ އަންގަވާފައެވެ. ހަމަ އެއާއެކު މާލެ ސަރަޙައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސެވި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫންކަމުގައިވެސް އެމަނިކުފާނު ވަނީ މި ދެންނެވުމުގައި އަންގަވައިފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް-19 ވަރަށް ހަލުވިކަމާ އެކު ދަނީ ފެތުރެމުންނެވެ. އެއާ އެކު ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެހެންވެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބޮލި މުލައް

  ސަރުކާރުގެ އޮފީސްތައް ހުންނަނީ މާލޭގަ އެކަނިތަ

 2. ޣަފޫރު

  ކޯޓުތަޢް ބަންދު ނުކުރަނީ އެއއއޢި ކޮވިޑް ފްރީ ތަނަކަށްވީތަ. ޢެހެންޏާ ވަކީލުންނާ އޮފިސަރުންނާ ދެންތިބި ބަޔަކު އެކަމަކާ އުލެން އެބަޖެހޭ މިކަންތަގަޑު މިހާ މަ އްޗަށް ދާ އިރު. ޥަރުގަދަ ބަ އެއ އއް ޖުނިޝަލް ކޮމިސަންގަ ތިބީ.

  1
  1
 3. އިބުރާހިމް

  ރަށްރަށުގައި ހުންނާނީ ކައުންސިލް އިދާރާތައް

  1
  1
 4. އަކްމެޑް

  ބޭންކުތަކުން މީހުން ފަހާދުވަނީ