އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ކުރިޔަށް ދިޔުމުގައި އެންމެ ރަނގަޅު އިރުޝާދާއި ލަފާ ދެއްވާ އެއް ބޭފުޅަކީ އަލްއަމީރު މުހައްމަދު ނޫރައްދީން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެހެން ވިދާޅުވީ، ނޫރައްދީން އަވަހާރަވުމާއި ގުޅިގެން ފޮނުއްވި ތައުޒިޔާގެ މެސެޖެއްގައެވެ. ސަރުކާރަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވައިފައިވާ އަދި ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށް ފަހު މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 89 އަހަރެވެ.

މުހައްމަދު ނޫރައްދީނަކީ ރާއްޖޭގެ ރަސްކަން ކުރެއްވި އައްސުލްތާން ހަސަން ނޫރައްދީނުގެ ދަރިކަލެކެވެ.

ނަޝީދު ފޮނުއްވެވި ތައުޒިޔާގެ މެސެޖްގައި ވިދާޅުވީ، ނޫރައްދީންއަކީ މީހުންގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގަތް ބޭފުޅެއް ކަމަށެވެ. އަދި ދުވަހަކުވެސް ކޮރަޕްޝަންގެ އިލްޒާމެއް ނުވަތަ އަނިޔާވެރިވެ ވަޑައިގަތްކަމުގެ އިލްޒާމެއް ނުރައްދީންގެ އިސްތަށިފުޅުގައި ނޭޅެ ކަމަށެވެ.

ނަޝީދު ވިދާޅުވީ މުހައްމަދު ނޫރައްދީން އެންމެ ބޮޑަށް ފާހަގަވަނީ މިނިވަން ހިޔާލަށް އަދި އިސްލާމްދީނަށް ވަރަށް ލޯބި ކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. ރާއްޖެއަށް އިސްލާހު ގެންނަންޖެހޭކަމާއި ދިވެހިރާއްޖެ ޑިމޮކްރަޓިކް ވާންޖެހޭކަމާއި އަދި މަލްޓި ޕާޓީ ޑިމޮކްރަސީ އަކީ ދިވެހިންނަށް ރަގަޅު ގޮތްކަމަށް ވަރަށް ބޮޑަށް ދެކިވަޑައިގަތް އެއް ބޭފުޅަކީވެސް ނޫރައްދީން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މުހައްމަދު ނޫރައްދީން މެދުނުކެނޑި 53 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރުގެ ހިދުމަތުގައި ހޭދަކުރެއްވިއިރު، އެމަނިކުފާނުވަނީ ސަރުކާރުގެ ވަރަށް އިސްމަގާމުތަކެއް ފުރުއްވާފައެވެ. މުހައްމަދު ނޫރައްދީން ސަރުކާރުގެ ހިދުމަތް ފެށްޓެވީ 25 ޖުލައި 1954 ގައެވެ. ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ވުޒާރަތުލް އަވްގާފުގެ ސެކްރެޓަރީ ކަމާއި، މަހްކަމަތުލް ހާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، މީޓިއޮރޮލޮޖިކަލް އޮފީހުގެ ވެރިޔާކަމާއި، މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމާއި، މުނިސިޕަލް ކައުންސިލަށް ދާހިލިއްޔާއިން އައްޔަންކުރި މެންބަރުކަން ހިމެނެއެވެ. އަދި ވަޒީރުލް އައުޒަމް އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާއި، ނައިބު ކަމުގެ މަގާމުވެސް ފުރުއްވައިފައިވެއެވެ. އޭގެފަހުން މިނިސްޓާ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓާ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި، ޑެޕިއުޓީ މިނިސްޓާ އޮފް ސްޓޭޓް ފޯ ރިލިޖަސް އެފެއާޒް ކަމުގެ މަގާމުވެސް އެމަނިކުފާނު ފުރުއްވިއެވެ. މީގެއިތުރުން، ދައުލަތަށް ގިނަދުވަހު ހިދްމަތް ކުރެއްވި އިއްޒަތްތެރިއެއްގެ މަގާމުގައިވެސް ހުންނެވިއެވެ.

މުހައްމަދު ނޫރައްދީނަކީ، ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލައިލާ

    ކޮން އަމީރެއް.މިދުނިޔޭގައި އަމީރުންނާއި އަމީރާއިންނެއް ނުތިބޭނެ.އަމީރުންނާއި އަމީރާއިން ތިބެނީ ސުވަރުގޭގައި.އެތަނުން އިނގޭނެ އަމީރުންނާ އަމީރާއިންނަކީ ކޮންބައެއްކަން.

    7
    1
  2. އަހްމަދު

    އަނެއްކާ އަނެއްދޮގުހެދީ މީގެކުރިންކީއްވެބާ ތިވާހަކަނުދެއްކީ

  3. އިބްރާހިމް

    ނޫރައްދީނަކީ ރަނގަޅު ބޭފުޅަކަށްވިޔަސް ރ ނަޝީދަކީ ރާއްޖެއަށް ފާވެފައިވާ ބޮޑު ބަލާ މުސީބާތެކެވެ.