ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ހުސައިން މަނިކް ގަވާއިދާ ޚިލާފަށް މައްސަލައަކުން ތަނާޒުލް ވެފައިވާތީ ނަސޭހަތް ދީ، ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް އަންގަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީއިން ވިދާޅުވީ މެޖިސްޓްރޭޓް އަހުމަދު ހުސައިން މަނިކް ޅޮހީ މެޖިސްޓްރޭޓް ކޯޓުގައި އޮތް އެ މައްސަލައިން ތަނާޒުލް ވެފައި ވަނީ، ޝަރީއަތް ކުރުމުގެ ގަވާއިދުގައި ފަނޑިޔާރަކަށް ހަވާލު ކުރެވޭ މައްސަލައަކުން ތަނާޒުލް ވެވޭނެ ކަމަށް ކަނޑައަޅާފައިވާ ހަލާތެއްގައި ނޫން ކަމަށެވެ.

މެޖިސްޓްރޭޓް އަހުމަދު ހުސައިން މަނިކުގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި، ޝަރީއަތް ކުރުމުގެ ގަވާއިދާ ޚިލާފު އަމަލެއް ކަން ޖޭއެސްސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

އެހެންކަމުން އޭނާއަށް ނަސޭހަތް ދިނުމަށާއި ޖޭއެސްސީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް އޭނާއަށް އަންގަން އެ ކޮމިޝަނުން ނިންމިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮކުރީ

    ޤަޥާޢިދާ ޚިލާފުވަނީ ތަމްރީނު ނުލިބިވާތީތޯ؟ ފަނޑިޔާރުންނާބެހޭގޮތުން އެގޭނެ އެނގި ހުރިއަސް
    ޙުމްވެސް ގޯސްކޮށް ކުރާކަން. އެކަން އެއީ އެންމެންވެސް ދަންނަކަމެއް.